މާލެއިން ޅ. ނައިފަރަށް މުދާ އުފުލަމުން ދިޔަ "ނަސްރު" ބޯޓު މިއަދު މެންދުރު 13:22 ހާއިރު ކާށިދޫ ކަނޑަށް އަޑިއަށް ހިގައްޖެއެވެ. މި ބޯޓު އަޑިއަށް ދިޔައީ މޫސުން ގޯސްވެފައި އޮތްނަމަވެސް ދަތުރު ކުރަމުން ދަނިކޮށެވެ. ހދ. ނޭކުރެންދޫ ބޯޓެއް ކަމަށްވާ މި ބޯޓުގައި ތިބި ފަސް ފަޅުވެރިން، ދެ ދިވެހިންނާއި ތިން ބިދޭސީން ކޯސްޓްގާޑުން ސަލާމަތް ކުރުމަށް ފަހު ހާބާ ކްރާފްޓަކަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ޅ. އޮޅުވެލިފުށި ބޭރުން ބޯޓު އަޑިއަށް ދިޔައިރު، އެބޯޓު ކ. ގާފަރުން ނައިފަރަށް ދަތުރުކުރަމުންދިޔައީ މޫސުމަށް ބަލައި ގާފަރަށް ބަނދަރުކުރުމަށްފަހު އެވެ. މިއީ ފާއިތުވި 24 ގަޑިއިރުތެރޭ ކަނޑުމަތީގައި ހިނގި ދެވަނަ ބޮޑު ހާދިސާއެވެ. ރޭގެ ވަގުތެއްގައި "އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓު ވެސް ވަނީ ބަންޑުން ޖަހާލައި ހަތް މީހުންގެ ތެރެއިން ތިން މީހުން ގެއްލިފައެވެ. އެތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައިވާއިރު ފުލުހުން ވަނީ މޫސުމަށް ސަމާލުވުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް މެނުވީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ