ގައުމީ ޖިހާދަށް ކަޅުއޮށްފުންމި ތައްޔާރުކޮށް، އެ އޮޑީގެ ރިޔާ ހަދައިދިނުމަށް ބޮޑުތަކުރުފާނު އެދިވަޑައިގަތީ މަރޮށީ ރައިވެރިބޭގެ ކިބައިންނެވެ. ތާރީހު ދިރާސާކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި މަރޮށީގައި މިހާރު ފެންނަ ބިޔަ ކާނިގަހަކީ ރައިވެރިބޭ ރިޔާ ތައްޔާރުކޮށްދިނުމުން އެ ރިޔާ ބޭއްވުމަށްޓަކައި ބޮޑުތަކުރުފާނު ޖަހާފައިވާ ތިން ކަޑައިގެ ތެރެއިން އެއް ކަޑައިން ހެދުނު ގަހެވެ. އަދި އެ ރަށުގެ އިރުމަތިފަރާތުން އޮތް ކުޅިން މައިކަނޑަށް ނުކުމެވޭ ގޮތަށް ހެދިފައި އޮތް ނެރެއަކީ ކަޅުއޮށްފުންމި ވަދެ ނުކުމެ ހެދުމަށްޓަކައި ކެނޑި ނެރެއް ކަމަށް ގަބޫލުކުރެވެއެވެ.
ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަރޮށީގައި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެއް ބޭފުޅަކު ވަނީ މުހިންމު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ ބޮޑުތަކުރުފާނުގެ ޖިހާދުގައި މަރޮށީ ރައްޔިތުން ވަރަށް ބޮޑު ހިއްސާއެއް އަދާކުރި ނަމަވެސް، ސަރުކާރުތަކުން ވެސް އަދި ތާރީހު ދިރާސާކުރާ މީހުން ވެސް އެ ރަށުގެ ހިއްސާ އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާ ކަމަށެވެ. މަރޮށީގެ ރައިވެރިބެއަކީ އެ ޖިހާދުގައި ބައިވެރިވެ ސަރަހައްދު ކަނޑުގެ އާޖުފާޖު ބަލައި، ބައެއް ދަތުރުތަކުގައި ބައިވެރިވެ ކާއެއްޗެހި ފޯރުކޮށްދިނުމާއި ބޮޑުތަކުރުފާނުގެ ކޮމާންޑުތައް ކައިރި ރަށްރަށަށް ގެންގޮސްދީފައިވާ މީހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އޭނާ ވަނީ ރާއްޖޭގެ އުތުރުގެ ފުލުހުންގެ މެރިން އޮޕަރޭޝަން ސެންޓަރު އެ ރަށުގައި ގާއިމުކުރުމަށް ރައީސް އަރިހުން އެދިވަޑައިގެންފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުން ކުރި ޖިހާދު ރަމްޒުކޮށްދޭ ސެންޓަރެއް ގާއިމުކޮށް، ރައްޔިތުން އެދޭ ކަންކަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. "ތާރީހީ ގޮތުން މި ރަށުގައި ހަގީގަތުގައި ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ހިމާޔަތްކުރުމުގެ ގޮތުން. ތާރީހީ ގޮތުން މުހިންމު ހިއްސާއެއް މި ރަށުގެ ރައްޔިތުންގެ އެބައޮތް،" ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ