ކެންޔާގެ ކުރީގެ ބޮޑުވަޒީރު އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެ

ކެންޔާގެ ކުރީގެ ބޮޑުވަޒީރު އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެ

Author
ހުސައިން
15 އޮކްޓޯބަރ 2025 09:56
0

ކެންޔާގެ ކުރީގެ ބޮޑުވަޒީރު އަދި އެގައުމުގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެއްގެ ގޮތުގައި ހުންނެވި ރައިލާ އޮޑިންގާ އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އިންޑިއާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ހޯއްދަވަމުން ދަނިކޮށް އިއްޔެ ހެނދުނު ހިންގަވަން ނިކުންނަވައިގެން އުޅުއްވަނިކޮށް ކަމަށް އާއިލާއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

އޮޑިންގާ އަވަހާރަވުމާ ގުޅިގެން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ފަދަ ދުނިޔޭގެ ލީޑަރުން ތައުޒިޔާ ފޮނުއްވަމުން އަންނައިރު، ހުޅަނގު ކެންޔާ އާއި ނައިރޯބީގައި އޭނާއަށް ތާއީދުކުރާ މީހުން މަގުމައްޗަށް ނުކުމެ ހިތާމަފާޅުކޮށްފައިވެއެވެ.

އޮޑިންގާ ވަނީ ފަސް ފަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައި ކޮންމެ ފަހަރަކުވެސް ނަތީޖާ ގަބޫލުކުރުމާ ދެކޮޅު ހަދައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. 2017 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ކެންޔާގެ އެންމެ މަތީ ކޯޓުން ނަތީޖާ ބާތިލް ކަމަށް ކަނޑައަޅައި އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އޮޑިންގާއަށް ތާއީދުކުރި ނަމަވެސް، އޮޑިންގާ ވަނީ އިންތިޚާބު އިސްލާހު ކުރުމަށް ޑިމާންޑް ކުރައްވައި ދެވަނަ ބުރު ބޮއިކޮޓް ކުރައްވާފައެވެ.

2007 ވަނަ އަހަރުގެ އިންތިޚާބަކީ ކެންޔާގެ ތާރީޚުގައި އެންމެ ހަލަބޮލިކަން އުފެދުނު އިންތިޚާބަށް ވެގެން، އެގައުމުގައި 1،200 މީހުން މަރުވެ، ގާތްގަނޑަކަށް 600،000 މީހުން ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވިއެވެ. ކުރީގެ ޔޫއެން ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން މެދުވެރިވެ އެއްބަސްވުމެއް ހަދައި، އެއްބައިވަންތަ ސަރުކާރެއް އުފައްދައި، ބޮޑުވަޒީރު ކަމުގެ މަގާމާ އޮޑިންގާ ހަވާލުވެވަޑައިގެންނެވިއެވެ. 2022 ވަނަ އަހަރު އިންތިޚާބުން ބަލިވެވަޑައިގަތުމަށް ފަހު އޭނާ ވަނީ ރައީސް ރޫޓޯއާ ގުޅިވަޑައިގެން އެކުވެރިންނަށް މުހިންމު މަގާމުތައް ހޯއްދަވާފައެވެ.

އެމަނިކުފާނަކީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތަކަށް ކެރިގެން ގޮވާލެއްވި ބޭފުޅެކެވެ. ކެންޔާގައި އެންމެ ގިނަ ދުވަހު ސިޔާސީ ގައިދީއެއްގެ ގޮތުގައި ބަންދުކޮށްފައި ހުރި ރެކޯޑް ވެސް އޮތީ އޮޑިންގާގެ އަތްޕުޅުގައެވެ. އެއް ޕާޓީގެ ހުދު މުހުތާރު ވެރިކަމާ ދެކޮޅަށް އޭނާ ކުރި މަސައްކަތަށްޓަކައި ޑޭނިއަލް އަރަޕް މޮއިގެ ވެރިކަމުގައި އޭނާ ޖަލަށް ލައިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.