އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި، އިލެކްޓޯރލް ވޯޓުން މިހާރުގެ އިންތިޚާބީ ރައީސް އަދި ކުރީގެ ނާއިބު ރައީސް ޖޯބައިޑްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނުކަން ޔަގީންވި ދުވަހުންފެށިގެން، އެމެރިކާގެ ސިޔާސީ މަސްރަހު އައީ ތަފާތު ގޮތްގޮތަށް ފުރޮޅެމުން، ނިއުޅެމުންނެވެ.
މިގޮތުން، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ދުވަހުންފެށިގެން އޭނާ ގެންދެވީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ނަތީޖާ ބަދަލު ކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، އެމެރިކާގެ ޑިމޮކްރަސީގައި އިންތިޚާބަށް ގޮންޖަހާ، އަދި ހައްގު ހޯދުމަށްޓަކާ ގާނޫނީ އިމުގެތެރެއިން ކުރެވެން ހުރި މަސައްކަތްތަކާ، އަދި ޒަމާނުއްސުރެ އެމެރިކާ ބަލައިގެންފައިވީ އާދަކާދަތަކާއި އުސޫލުތައްވެސް މުގުރާލުމަށްފަހުވެސް، ޓަރަމްޕްވަނީ، އިންތިޚާބުގެ ނަތީޖާ ބަދަލުކޮށް، އިތުރު ދައުރަކަށް ވެރިކަމުގައި ދެމިހުރުމަށް މަސައްކަތް ކޮށްފައެވެ.
އެހެންނަމަވެސް، އެންމެފަހުން، އެމެރިގާގެ ކޮންގްރެސްގައި، އިލެކްޓޯރަލް ވޯޓުގެ ނަތީޖާ ބަލައިގަތުމަށް ވޯޓު ދިނުމާހަމައަށް ހިގައިދިޔަ ކަންކަމުން ސާފުވާން އޮތް އެއްކަމަކީ، އެމެރިކާގެ ޑިމޮކްރަސީ އެތުރިފަ އޮތް ގޮތުގެ މައްޗަށް ބަލާއިރު، ވެރިކަމުގައި ހުންނަ މީހަކު ކިތައްމެ ވަރަކަށް ޚުދުމުޚްތާރުކަން ދެއްކި ކަމުގައިވިނަމަވެސް، ބާރުގެ ބޭނުންކުރުމާއި ޚުދުމުޚްތާރުކަން ކުރިޔައް ނެރުމުގައި އެމެރިކާގެ ރިޔާސީ ނިޒާމުގެ ތެރޭގައި، މުގުރާނުލެވެނޭ މިންގަޑުތަކެއް ހުރިމަކެމެވެ.
ނަތީޖާ ބަދަލު ކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތައް
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުނު، އެމެރިކާގެ ރިޔާސީ އިންތިޚާބު ވެގެންދިޔައީ ކުރިންވެސް ހީކުރެވުނު ގޮތަށް، ހަމަނުޖެހުން ބޮޑު، ތަފާތު އިންތިޚާބަކަށެވެ. އަދި އިންތިޚާބުގެ ނަތީޖާއިން ބަލިވެއްޖެ ހާލަތެއްގައި، ކުރިންވެސް ހީކުރެވުނު ގޮތަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ގަބޫލު ނުކޮށް، ވެރިކަމުގައި ދެމިހުންނެވުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
އެމެރިކާގެ މިފަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވިގެން ދިޔައީ، މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ ކޯވިޑް ކާރިސާގެ އަސަރު އެމެރިކާއަށް ވަރަށް ބޮޑަށް ކޮށް، ހުރިހާ މާނައެއްގައިވެސް އެގައުމު އިންތިހާއަށް ބޮޑު ގިލަންވެރި ކަމެއްގައި ވަނިކޮށެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ސިއްޙީ އިދާރާތަކާއި އަދި ބައެއް ސިޔާސީ ފަރާތްތަކުގެ އިލްތިމާސްތަކާއި އެއްގޮތަށް ގިނަ އަދަދެއްގެ ބަޔަކު، ޕޯސްޓު މެދުވެރިކޮށް ދުރާލާ ވޯޓު ލާފައިވެއެވެ. މިގޮތުން މިއަހަރު 100 މިލިއަނަށްވިރެ ގިނަ، އެމެރިކާގެ ރައްޔިތުން ވޯޓުލާ ދުވަހުގެ ކުރިން، ޕޯސްޓްގެ ޒަރީއާއިން ވޯޓު ލާފައިވެއެވެ. އެހެންނަމަވެސް، ޓަރަމްޕް ގެންދެވީ ފާޅުގައި މިކަމަށް ދެކޮޅު ހައްދަވަމުންނެވެ. އަދި މިއީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ގެންދެވީ ފެށުނީއްސުރެ ތުހުމަތު ކުރައްވަމުންނެވެ.
އެހެންނަމަވެސް، އިލެކްޝަން އޮބްޒާވަރުންނާއި، މޮނިޓަރުންނާއި އަދި ވޯޓުގެ ފަހުންވެސް ކުރެވުނު އެތަކެއް ތަހުގީގުތަކުންވެސް، ޕޯސްޓުގެ ޒަރީއާއިން ވޯޓު ލުމުގައި، ގަސްތުގައި ނަތީޖާއަށް ބަދަލު ގެނައުމަށް ކުރެވުނު މަސައްކަތެއް، ނުވަތަ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިގެނެއް ނުދިޔައެވެ.
ފާއިތުވެދިޔަ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި، އެހެންމަވެސް އެހެން އަހަރުތަކާއި ޚިލާަފަށް ދާއިމީ ނަތީޖާއާއި ހަމައަށް ވާސިލްވެވުނީ އެތަކެއް ދުވަސްފަހުންނެވެ. އެހެންނަމަވެސް، އިލެކްޓޯރަލް ވޯޓުގެ ނަތީޖާތައް އެމެރިކާގެ މީޑިއާތަކުން ދިޔައީ ހިސާބުކުމަރުން، މޮނިޓަރ ކުރަމުންނެވެ. މިގޮތުން، ބައެއް ސްޓޭޓްތަކުގައި ޓްރަމްޕާއި ބައިޑްން ނުހަނު ގާތުގައި ވާދަކުރައްވަމުން ގެންދެވިނަމަވެސް، ނޮވެމްބަރު 7 ވަނަ ދުވަހު، ޕެންސިލްވޭނިއާ ސްޓޭޓުގެ އިލެކްޓޯރަލް ވޯޓު ބައިޑްން ކާމިޔާބު ކުރެއްވި ހިސާބުން، އެމެރިކާގެ ހުރިހާ މީޑިއާއަކުން ކަހަލަ ގޮތަކަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފައި ވެއެވެ.
ނަތީޖާއެއްގެ ގޮތުން، އެދުވަހުން ފެށިގެން އިންތިޚާބުގެ މައްސަލަ ޓަރަމްޕް އެމެރިކާގެ ކޯޓުތަކަށް ހުށަހަޅުއްވަން ފެއްޓެވިއެވެ.
މިގޮތުން އެމެރިކާގެ ދެވަނައަށް އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ހިމެނޭ ސިޓީ ކަމުގައިވާ ޕެންސިލްވޭނިއާގެ ވޯޓުގެ ސައްޙަ ކަމާމެދު ޝައްކު އުފައްދާ، ޓްރަމްޕްގެ ލޯޔަރުން އެމެރިކާގެ ފިލަޑެލްފިއާގެ އިސްތިއުނާފީ ކޯޓަށް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ހުށަޙެޅި މައްސަލަ ސާބިތު ނުވާ ކަމަށް އެކޯޓުން ނިންމާފައިވެއެވެ.
އެހެންނަމަވެސް، ޓްރަމްޕްގެ މިމައްސަލާގައި އެއްވެސް ސައްހަކަމެއް ނެތްކަމަށް ކޯޓުން ނިންމާފައިވި ނަމަވެސް، ޓްރަމްޕްގެ ލޯޔަރުން ވަނީ މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.
އަދި ފާއިތުވެދިޔަ ޑިސެމްބަރު މަހުގެކުރީކޮޅު، ސުޕްރީމް ކޯޓުންވަނީ، ޕެންސެލްވީނިއާ ސްޓޭޓުގައި ބައިޑްންއަށް ލިބިގެން ދިޔަ ކާމިޔާބީއާ ދެކޮޅަށް ހުށަހެޅިގެން ދިޔަ އިންތިޚާބީ މައްސަލަ އެންމެ ފޮޅުވަތެއްގެ އަމުރަކުން، ބަލައި ނުގަނެ ބޭރު ކޮށްލާފައެވެ. އަދި މިހާ ހިސާބުންވެސް ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވާ، އަނެއްކާވެސް، ހަތަރު ސްޓޭޓެއްގެ ނަތީޖާ ބާތިލް ކުރުމަށް އެދި ޓްރަމްޕްގެ ތާއީދާއެކު، ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު، އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ އެޓާނީ ސުޕްރީމްކޯޓަށް ހުށަހެޅުއްވި މައްސަލަވެސް ބަލައިނުގަނެ، އެކޯޓުން ބޭރު ކޮށްލާފައި ވެއެވެ.
ޖޯޖިއާ، މިޗިގަން، ޕެންސިލެވީނިއާ އަދި ވިސްކަޒިން، މި 4 ސްޓޭޓަކީވެސް، ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ޖޯ ބައިޑްން ކާމިޔާބު ކޮށްފައިވާ ސްޓޭޓުތަކެވެ.
އެމެރިކާގެ ކޯޓުތަކުން، ކުރިއެރުން ލިބޭނެ އެއްވެސް މަގެއް ނުފެނުމުން ދެން ޓްރަމްޕް މަސައްކަތް ކުރެއްވީ އޭނާއަށް ތާއީދުކުރާ މީހުން މުޒާހިރާ ކުރުމަށް މަގުމައްޗަށް ނެރެގެން އިންތިޚާބުގު ނަތީޖާ ގަޑުބަޑު ކުރުމަށެވެ. މިގޮތުން ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ 15 ވަނަދުވަހު، އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލައިފައިވާ ކަމަށް ތުހުމަތުކޮށް އިންސާފޯހޯދުމަށް ގޮވާލާ ޓްރަމްޕަށް ތާއީދު ކުރާ ފަރާތްތަކުން އެމެރިކާގެ ވޮޝިންގޓަން ޑީސީގައި މުޒާހަރާ ކޮށްފައި ވެއެވެ.
އެހެންނަމެވެސް، އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، ފާއިތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައި، މެދުކެޑުމެއް ނެތި ޓްރަމްޕް ކުރައްވަމުން ގެންދެވި މަސައްކަތްތަކުގައި މާބޮޑު ދިރުމެއް ހުރި ތަން ފެނިގެން ނުދިޔައިރު، ޓްރަމްޕްގެ އެމަސައްކަތްތަކަށް އޭނާގެ ޕާޓިގެ ތެރެއިންވެސް ލިބިގެން ދިޔަތަން ފެނިގެން ދިޔައީ ފިނި ތަރުހީބެކެވެ.
އެންމެފަހުން، ވޯޓުގެ ނަތީޖާ އަބުރާލެވޭތޯ ސެނެޓަށް
އޮށްޓަރުހުރި، މާބޮޑެތި ހުއްޖަތްތަކެއް ދެއްކެވުމެއްނެތި، ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިނުގަންނާނެ ކަމަށް، ގޮތްދޫކުރުމެއް ނެތި ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް، ފެންނަމުން ދިޔަ ހަގީގަތަކީ، އެމެރިކާގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގައި މާބޮޑެތި އޮޅުވާލުންތަކެއް ފެންނާން ނެތްތަނެވެ.
އެހެންނަވެސް، އެމެރިކާގެ މުޅި ސިޔާސީ މަސްރަހާވެސް ދެކޮޅަށް މަރުފަލި ޖައްސަވަމުން އެންމެފަހުން ޓްރަމްޕް ކުރިމަތި ލެއްވީ، އެމެރިކާގެ ކޮންގްރެސްގެ ތެރެއިން އިންތިޚާބުގެ ނަތީޖާ ބަދަލު ކުރުމަށެވެ. މިގޮތުން، ޓްރަމްޕްގެ އެއްބާރުލުން ލިބިގެން، ބައެއް ސްޓޭޓްތަކުގެ ނަތީޖާ ގަބޫލު ނުކޮށް، ޝައްކު އުފެދިގައިވާ ސްޓޭޓްތަކުގައި ހިގާފައިވާ ކަމަށްބުނާ ވޯޓު އޮޅުވާލުންތައް ބެލުމަށް އިލެކްޓޯރަލް ކޮމިޝަނެއް އުފެއްދުމަށް، ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓިގެ 10 މެމްބަރަކު މިމަހުގެ 4 ވަނަ ދުވަހު ގޮވާލެއްވިއެވެ. އަދި ޓްރަމްޕް އެދުވަހު ވިދާޅުވީ އެ 10 މެމްބަރުންނާ ގުޅިވަޑައިގަންނަވާނެ އިތުރުއެތަކެއް މެމްބަރުން ތިއްބެވި ކަމަށެވެ.
How can you certify an election when the numbers being certified are verifiably WRONG. You will see the real numbers tonight during my speech, but especially on JANUARY 6th. @SenTomCotton Republicans have pluses & minuses, but one thing is sure, THEY NEVER FORGET!
— Donald J. Trump (@realDonaldTrump) January 4, 2021
ސެނެޓަރ ޓެޑް ކުރޫޒް އިސްވެ ހުންނަވައިގެން، އެއް ގުރޫޕެއްގެ ގޮތަށް ހަރަކާތްތެރިވާން ފެށި، ގާނޫނު ހަދާ މަޖަލީހުގެ މި މެމްބަރުން ވިދާޅުވަމުން ގެންދެވީ، ޚިޔާލު ތަފާތުވުން އުފެދިފައިވާ ސްޓޭޓްތަކުގައި ވޯޓުލުން ކުރިޔަށް ދިޔަ ގޮތް ތަހުގީގު ކުރުމަށް ޚާއްސަ އިލެކްޓޯރަލް ކޮމިޝަނެއް އުފައްދަވަން ޖެހޭނެ ކަމަށެވެ. އަދި މިކޮމިޝަނަށް ތަހުގީގު ކުރުމުގެ ބާރު ދިނުމަށާއި، މިކޮޝަނުން 10 ދުވަހުގެ އިމަޖެންސީ އޮޑިޓެއް ހެދުމަށްވެސް ސެނެޓަރުން ވަނީ ގޮވާލައްވާފައެވެ.
ބައެއް މީޑިއާތަކުން މަޢުލޫމާތު ދީފައިވާގޮތުގައި، އެމެރިކާގެ ސެނެޓުގެ ތެރެއިން، ބައިޑްންއަށް ރުހުން ލިބިގެން ދިޔަ ނުދިނުމަށްޓަކާ ޓްރަމްޕްގެ ޓީމުން ގިނަ މަސައްކަތަތްކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް، އެންމެ ފަހުވަގުތު، ގިނަ އަދަދެއްގެ މެމްބަރުންގެ ރުހުން ނުލިބި މިމަސައްކަތްވެސް ފެއިލް ވެގެން ދިޔައީއެވެ.
ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ހިލްއަށް ހަމަލާ ދިނުން
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އަދި ނަތީޖާ އަބުރާލުމަށް ޓަރަމްޕް ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް، އެންމެ ފަހުވަގުތާ ހަމައަށްވެސް ޓްރަމްޕްގެ ޓީމުން ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.
އިލެކްޓޯރަލް މަންދޫބުންގެ ވޯޓުން ލިބުނު ކުރިއެރުމަށް އެމެރިކާގެ ކޮންގްރެސްއިން ވޯޓަށް އަހާ، ބައިޑްންއަށް ރުހުން ދިނުމަށް ހަމަޖެހިފައި އޮތް ދުވަހަކީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހެވެ. އެހެންނަމަވެސް، އެދުވަހުގެ ހެދުނު ހެދުނާ މުޅި ދުނިޔެއަށް ސިހުން ގެނުވީ، ދުނިޔޭގައި އެންމެ ވަރުގަދަ ޑިމޮކްރަސީއެއް އޮތް އެމެރިކާގެ، ގާނޫނު ހަދާ މަޖިލިސްގެ އިމާރާތް ޓްރަމްޕްގެ ސަޕޯޓަރުން ހިސޯރުކުރި ކަމުގެ ވާހަކައިންނެވެ.
އާގާނޫނު އަސާސީއެއް ބަލައިގަނެ، ފާއިތުވެ ގޮސްފައިވާ 200 އަހަރުގެ ޑިމޮކްރަސީގެ ހަޔާތުގައިވެސް، އެގައުމުގެ ޑިމޮކްރަސީ ދެކެފައި ނުވާފަދަ އަދިރި ދުވަހަކަށް އެދުވަސް ވެގެންދިޔައީ، ކެޕިޓަލް ހިލްގެ ކުރިމަތީގައި މުޒާހަރާކުރަމުންދިޔަ ފަރާތްތަކުން އެއިމާރާތަށްވަދެ، އަދި މީގެ އިތުރުން މަޖިލިސް ޗެމްބަރު ތެރެއަށްވެސް ވަދެގަނެ، ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާ ކުރިމަތިލާ، ތަނަށް ގެއްލުން ދިން ހިސާބުންނެވެ. އަދި ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް އައިއިރު 4 މީހަކު ވަނީ މަރުވެސް ވެފައެވެ. މީގެތޭގައި ޕޮލިސް އޮފިސަރަކުވެސް ހިމެނެއެވެ.
ގާނޫނު ހަދާ މަޖިލިސްތެރެއަށް ވަތް މީހުން، ސެނެޓްގެ ރައީސާގެ ކޮޓަރިކޮޅަށްވަދެ، އެކަމަނާ އިންނަވާ ގޮޑިޅަށް ފައިން އަރާ މަންޒަރުވެސް ފެނިގެން ގޮސްފައި ވެއެވެ. އަދި ގާނޫނު ހަދާ މަޖިލިހުގެ ޗެންބަރުގެ ރިޔާސަތަށް އަރާ، އެތަނުގެ ހުރުމަތް ކަޑާލާ، ހިންގި ހަމަނުޖެހުންތައް ވެގެންދިޔައީ މުޅި ދުނިޔެއަށްވެސް ލިބިގެން ދިޔަ ސިހުމަކަށެވެ. މިހަމަ ނުޖެހުންތަކާއެކު، ބައިޑްންއަށް ރުހުން ދިނުމަށް ކުރިޔަށް ދިޔަ ޖަލްސާ މެދުކަޑާލަން ކޮންގްރެސްއަށް މަޖުބޫރު ވެގެން ދިޔައެވެ.
ނާއިބް ރައީސް މައިކް ޕެންސްވެސް އެންމެ ފަހުން ޓްރަމްޕާއި ދެކޮޅަށް
އެމެރިކާއަކީ، އެގައުމުގެ ރައީސްއާއި ނާއިބު ރައީސް އެގަލަކަށް އަރައިގެން މަސައްކަތް ކުރުމުގައި މިހާތަނަށް ޑިމޮކްރަސީގެ އެންމެ ރިވެތި ނަމޫނާ ދައްކާފައިވާ ގައުމެވެ. އަދި ޓްރަމްޕްގެ މުޅި ދައުރުގައި ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކާއެކުވެސް، ނައިބް ރައީސް މައިކް ޕެންސްއާއި ޓްރަމްޕްއާއި ދެމެދު ވަރަށް ރަގަޅު ގުޅުމެއް އޮތް މަންޒަރުވަނީ ފެނިގެން ގޮސްފައެވެ.
ހަމައެއާއެެކު، ނޮވެމްބަރު 3 ގެ ރިޔާސީ އިންތިޚާބަށްފަހު، ނަތީޖާ އަބުރާލުމަށް ޓްރަމްޕް ކުރައްވަމުން ގެންދެވި މަސައްކަތްތަކުގައި ނާއިބު ރައީސް ޕެންސް ވަރަށް ބޮޑަށް ހަނު ހުންނެވި ނަމަވެސް، ފާއިތުވެދިޔަ ހަފްތާގައި، އެމެރިކާގެ ސެނެޓްގެ ބައެއް މެމްބަރުން، ސެނެޓްގެ ތެރެއިން ނަތީޖާ އަބުރާލުމަށް ކުރެއްވި މަސައްކަތްތަކަކީ، އެމެންމަބަރުން ކުރައްވަމުން ގެންދަވާ ހައްގު މަސައްކަތަކެއް ކަމުގައި ޕެންސް ދެކެވަޑައިގަންނަވާ ކަމަށް، ޕެންސްގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް، މިއަށްފަހުވެސް، ވޯޓުގެ ނަތީޖާއާއި ކުޅުމަށް ޓްރަމްޕް ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ފާޅުގައި އަމަލީގޮތުން އެއްވެސް އިރަކުން ނާއިބު ރައީސް ޕެންސް މަސައްކަތް ކުރައްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް، ޖެނުއަރީމަހު 7 ވަނަ ދުވަހު، ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ދިން ހަމަލާ ޕެންސް ވަގުތުން، ފާޅުގައި ކުއްވެރި ކުރައްވާފައިވެއެވެ. އަދި މިހަމަލާއަށްފަހު ފެނިގެންދިޔައީ، ފުރަތަމަ ފަހަރަށް ޓްރަމްޕް އޭނާގެ ނާއިބް ރައީސް ކުއްވެރިކޮށް ޓުވީޓް ކުރެއްވި ތަނެވެ. ތުހުމަތު ކުރެއްވީ ކާމިޔާބު ހޯދުމަށް އެއްވެސް އިރަކު ޕެންސް މަސައްކަތް ކުރައްވާފައި ނުވާކަމަށެވެ.
If Vice President @Mike_Pence comes through for us, we will win the Presidency. Many States want to decertify the mistake they made in certifying incorrect & even fraudulent numbers in a process NOT approved by their State Legislatures (which it must be). Mike can send it back!
— Donald J. Trump (@realDonaldTrump) January 6, 2021
އަދި އެދުވަހު، ޕެންސްވަނީ، އެމެރިކާގެ ކޮންގްރެސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، ބައިޑްންއަށް ރުހުން ދިނުމުގެ ޖަލަސާއަށް ހުރަސް އެޅުމުގެ ގާނޫނީ އެއްވެސް ހައްގެއް އޭނާއަށް ލިބިގެން ނުވާކަމަށް ފުރަތަމަ ފަހަރަށް ރަސްމީކޮށް ޓްރަމްޕަށް އަންގާފައި ވެއެވެ.
އެމެރިކާގެ ގާނޫނު އަސާސީގައި އޮންނަގޮތުން، އިންތުޚާބު ކާމިޔާބު ކުރާ ރައީސަކަށް ކޮންގްރެސްއިން ރުހުންދޭ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ އޭރަކު ހުންނަވާ، ގައުމުގެ ނާއިބުރައީސެވެ.
މިގޮތުން، މިޖަލްސާގަ ރިޔާސަތު ބަލަހައްޓަވާ، ނާއިބުރައީސް ޕެންސްވަނީ، ބައިޑްއަށް އެމެރިކާގެ ކޮންގްރެސްއިން ރުހުން އޮތްކަން އިއުލާން ކުރައްވާފައެވެ.
ޓުވިޓާރއިންވެސް، ޓްރަމްޕާ ދެކޮޅަށް ފިޔަވަޅު އެޅި
އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ވަދެ އިމާރާތައް ގެއްލުން ދިން މީހުންނަށް ޓްރަމްޕް ހިތްވަރު ދީ، ޓްރަމްޕް ކުރި 3 ޓުވީޓަކާ ގުޅިގެން ޓުވިޓަރއިންވެސް އިއްޔެ ވަނީ 12 ގަޑިއިރަށް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ލޮކް ކޮށްފައެވެ. މާނައަކީ މި ވަގުތުތަކުގައި، ޓްރަމްޕަށް އޭނާގެ ޓުވިޓަރ އެކައުންޓް އޮޕްރޭޓެއް ނުކުރެވޭނެއެވެ.
ޓުވިޓަރއިން އާންމުކުރާ ސޭފްޓީ ޓޫލްތަކާ އަދި އެނޫންވެސް ޓުވިޓަރގެ ރައްކާތެރިކަމާގުޅޭ މުހިންމު މައުލޫމާތު އާންމުކުރާ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ވޮޝިންޓަން ޑީސީގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނާއި، އަދި އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް އެކުންފުނިން އާންމު ކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޓްރަމްޕްގެ ރަސްމީ އެކައުންޓުން ކޮށްފައިވާ 3 ޓުވީޓެއް ޓްރަމްޕްގެ ޓުވިޓަރ ހެންޑްލްއިން ޑިލީޓް ކުރުމަށް މިހާރު އެންގިފައިވާނެ ކަމަށެވެ.
As a result of the unprecedented and ongoing violent situation in Washington, D.C., we have required the removal of three @realDonaldTrump Tweets that were posted earlier today for repeated and severe violations of our Civic Integrity policy. https://t.co/k6OkjNG3bM
— Twitter Safety (@TwitterSafety) January 7, 2021
އަދި މި ޓުވީޓްތައް ޑިލީޓް ކުރުމަށް ފުރުސަތުދީ ކުރިޔަށް އޮތް 12 ގަޑިއިރަށް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ލޮކް ކޮށްފައިވާކަމަށް ބުނެ ޓުވިޓަރ އިންވަނީ ޓުވީޓް ކޮށްފައެވެ. އަދި މިޓުވީޓްތައް ހޭންޑްލްއިން ދާއިމީ ގޮތެއްގައި ޑިލީޓް ނުކުރާނަމަ، އެކައުންޓް ލޮކް ކޮށްފައި ބަހައްޓާނެ ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި ތަކުރާރުކޮށް، ޓުވިޓަރއިން އާންމު ކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، ނުރައްކާތެރި ސިޔާސަތުތައް ޓްރަޕްގެ ޓުވިޓަރއެކައުންޓުން ފަތުރާ، ހިތްވަރު ދެމުންދާނަމަ، ދާއިމީ ގޮތެއްގައި އެ އެކައުންޓް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް ޓުވިޓަރއިން ދީފައިވެއެވެ.
ޓުރިޓަރގެ މިއިންޒާރަށްފަހު، އަދި މިހާތަނަށް އައިއިރު، ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ކޮށްފައިވަނީ އެންމެ ޓުވީތެކެ. އެއީ ބަލިގަބޫލުކޮށް، އަދި ޖެނުއަރީ 20 ވަނަ ދުވަހު ހުވާކުރުމަށް ހަމަޖެހިފައިވާ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވެ އާންމު ކޮށްފައިވާ ވީޑިއޯއެވެ.
— Donald J. Trump (@realDonaldTrump) January 8, 2021
ޓްރަމްޕް އެންމެ ފަހުން ބަލި ގަބޫލު ކުރެއްވީ ގޮތް ހުސްވެގެން
އެމެރިކާގެ ކެޕިޓަލް ހިލްއަށް ޓްރަމްޕްގެ ސަޕޯޓަރުން ދިން ހަމަލާތަކަށްފަހު، ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއެކު، ތަނުގެ މަސްލަހަތު ބަލަހައްޓާ، އެންމެފަހުން ކޮންގްރެސްގެ ޖަލްސާ ބާއްވާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުން އިންތިޚާބީ ރައީސް ބައިޑްންއަށް ރުހުން އޮތް ކަމުގައި ވަނީ ނިންމާފައެވެ. އަދި ކޮންގެރެސްގެ މިނިންމުމަށް މާގިނައިރުތަކެއް ނުވަނީސް، ޓްރަމްޕް އެންމެފަހުން ވަނީ ބަލި ގަބޫލު ކުރައްވާ، ސުލްހަވެރިކަމާއެކު ވައިޓް ހައުސް ދޫކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.
ޓްރަމްޕް ފުރަތަމަ ފަހަރަށް ބަލި ގަބޫލު ކުރެއްވީއެވެ. އެންމެ ގާތުގައި ހުންނެވި ނާއިބު ރައީސްވެސް އެންމެ ފަހުން ޓްރަމްޕާ ދެކޮޅަށް، ވެރިކަމުގެ ބާރުތައް އިންތިޚާބުގެ ނަތީޖާއާ އެއްގޮތަށް ދޫކޮށްލުމަށް އެއްބަސްވެ، އެމަގަށް މަގުފަހި ކުރުމަށް އަމަލީގޮތުން އެއްބާރުލުން ދެއްވިއެވެ.
މުޅި އެމެރިކާގެ ސިޔާސީ މަސްރަހާ ދެކޮޅަށް، އަދި އެތައް މިލިއަން އެމެރިކާ ރައްޔިޔުންގެ އިހުސާސްތަކާާވެސް ދެކޮޅަށް މަރުފަލި ޖައްސަވަމުން ގެންދެވި ޓްރަމްޕަށް ހަގީގަތުގައި ނާކާމިޔާބުވެ، ގޮތްދޫކުރައްވަން މަޖުބޫރު ވެވަޑައިގަތީ އޭނާ ހަތަރެސްފައި ބަދެވުނު ހިސާބުންނެވެ.
އެމެރިކާގެ ޑިމޮކްރަސީގެ ހަގީގީ ބިންގާ ކަމުގައިވާ، އެމެރިކާގައި އެތަކެއް ޒަމާންތަކެއް ވަންދެން އަށަގެންފައި އޮތް، ސުލްހަވެރިކަމާއެކު ވެރިކަމުގެ ބާރުތައް ނަކަލް ކުރުމުގެ ސަގާފަތް ނެތިގެން ނުދިއުމަކީ، އެމެރިކާގެ ޑިމޮކްރަސީގެ އޮނިގަޑުގެ އަދިވެސް ނުހަނު ވަރުގަދަކަން ސާބިތުވެގެން ދިޔަ ކަމެކެވެ.
One Response
varah furihama habareh
keep it up