އެކި ގައުމުތަކުން އޮންލައިންކޮށް ފައިސާގެ މުޢާމަލާތްކުރުމުގައި މަޝްހޫރު ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް އުރީދޫ ފިންޓެކް ކުންފުނިން މުހިންމު ފިޔަވަޅެއް އަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕެއިންގައި ވިދާޅުވި ވަޢުދެއް ހަޤީޤަތަކަށް ހެދުމަށް ކުރެވެމުންދާ މިމަސައްކަތް ސަރުކާރުންވަނީ މަރުޙަބާ ދަންނަވާފައެވެ.
އުރީދޫ މޯލްޑިވްސްއިން ޕޯސްޓުކުރެއްވި މައުލޫމާތަށް ބަލާއިރު، ޕޭޕަލްގެ ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި އުރީދޫ އެމްފައިސާގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންނަށް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ ޒުވާނުންނާއި ވިޔަފާރިވެރިން އަހަރުތަކެއްގެ މުއްދަތަށް އެދިލައްވަމުންއައި ޚިދުމަތެކެވެ.
މި ޚިދުމަތާއެކު ފްރީލާންސަރުންނަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ބައިނަލްއަޤުވާމީ ފަންނުތަކުން އާމްދަނީ ހޯދުމާއި ރާއްޖެއިން ބޭރަށް މުދާ ވިއްކުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޕޭޕަލް ފަދަ ޚިދުމަތްތައް ރާއްޖެއަށް ގެނައުމުގައި ގިނަ ހުރަސްތަކެއް އޮތަސް، އެކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މިހާރު މިޚިދުމަތް ތަޢާރަފްކުރުމަށް އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ އިންޤިލާބީ ބަދަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ