ށ. ކަނޑިތީމު އަދި ށ. ގޮއިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އައި ހަވާލުކޮށްފިއެވެ.
ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާއި ގޮއިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިގޮތުން އެ ދެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން، ކަނޑިތީމު ބަނދަރުގައި 76,705.85 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅާއި ނެރު ފުންކުރުމާއ،ި 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 150 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއ،ި 544 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.
342 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި 1332 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
380 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ ކަނޑިތީމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 84.12 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ގޮއިދޫގައި ބަނދަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގޮއިދޫ ރައްޔިތުން އެދޭ ގޮތަށެވެ. އަދި މި ރަސްމިއްޔާތުގައި ގޮއިދޫ ބަނދަރުގެ މައްސަލަތައް ހައްލުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ