އަންނަ އަހަރު ޓީޗަރުންނަށް އޭއައި ތަމްރީން ދިނުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ

އަންނަ އަހަރު ޓީޗަރުންނަށް އޭއައި ތަމްރީން ދިނުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ

Author
ހުސައިން
11 އޮކްޓޯބަރ 2025 04:36
0

މިއަދާއި މާދަމާ ކުރިއަށްދާ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނުކުރުމުގެ ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނާއި ގައުމު ދެކެ ލޯބިވާ، ދިރިއުޅުމަށް ތައްޔާރު ކުދިން އުފެއްދުމަށް ސުކޫލުތަކުގައި މަސައްކަތްކުރާއިރު، ގައުމުގެ މުސްތަގުބަލު ދެމި އޮންނާނީ ވިސްނައި ފިކުރުކުރާ ޒުވާނުން އުފެދިގެން ކަމަށެވެ. އެ ބަދަލު ގެނައުމަށް ތައުލީމީ ނިޒާމުގައި މިހާރު އަމަލުކުރާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ރޯދަ މަހުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ގާބިލުކަން މަތިކުރުމަށް ޓީޗަރުންނަށް ތަމްރީން ދިނުން ހިމަނާފައި ވާނެ ކަމަށެވެ. ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، މުސްތަގުބަލުގެ ޖީލު ތައްޔާރުކުރަންވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ މުހިންމު އިސްކަމެއްދެއްވާ އެއްކަމަކީ ސިކުނޑިތައް ތަރައްގީކޮށް ވިސްނާ ގައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުން ކަމަށާއި، އެ ވިސްނުމާ އެއްގޮތަށް ފިކުރުކުރާ ބިނާކުރަނިވި ދަރިވަރުން އުފެއްދުމަށް ތައުލީމީ ނިޒާމުގައި ބޮޑަށް ވިސްނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރު ރާއްޖޭގެ ސުކޫލުތަކުގައި ޖުމުލަ 11،372 ޓީޗަރުން ކިޔަވައިދިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.