އެންޓި ކަރަޕްޝަން ކޮމިޝަނުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ. އޭސީސީގެ ތަހުގީގަކާ ގުޅިގެން އާދިއްތަ ދުވަހުގެ 2:30 އަށް ހާޒިރުވުމަށް އަންގާފައިވާކަން އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވައި، 2019 އިން 2023 އާ ހަމައަށް ވަޒީރުކަމުގައި އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތްކުރެއްވި ކަމަށާއި ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އަމީރު ވިދާޅުވީ ވަޒީރުކަމުގައި ކޮންމެ ނިންމުމެއް ނިންމާފައި ވަނީ ދައުލަތަށް ފައިދާވާނެ ގޮތަކަށް ކަމަށާއި އެ ޔަގީންކަން ނަފްސާމެދު އޮތް ކަމަށެވެ. އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް ބިރުދައްކަން މަސައްކަތް ކުރި ކަމުގައި ވިޔަސް އެއްވެސް ބިރެއް ނުގަންނަ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ބޯ ގުދުކުރާނީ ހަމައެކަނި ވެރި މާތްﷲ އަށް ކަމަށާއި ރައީސް މުއިއްޒުކަހަލަ ހުދުމުހުތާރު ވެރިޔަކަށް ބޯ ނުލަބާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް އޭސީސީއަށް ހާޒިރުވުމަށް އަންގައިފައިވާއިރު، މި މައްސަލަ ގުޅިފައިވަނީ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދިނުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ