މަޖިލީހުގައި ޓައި އެޅުން ލާޒިމް ނުވާނެ، ގައުމީ ހެދުން ލެވޭނެ

މަޖިލީހުގައި ޓައި އެޅުން ލާޒިމް ނުވާނެ، ގައުމީ ހެދުން ލެވޭނެ

Author
ޙަސަން މުޙައްމަދު
09 އޮކްޓޯބަރ 2025 10:00
0

މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ޓައި ނާޅައި ވަޑައިގެން، ގައުމީ ސަގާފީ ހެދުން ލައިގެން ވެސް ހާޒިރުވެވޭ ގޮތަށް ގަވައިދު އިސްލާހުކުރަން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން މިފަހުން ޓައި ނާޅުއްވައި ޖަލްސާތަކަށް ވަޑައިގަތުމުން މި ބަދަލު ގެންނަން ނިންމީ އެވެ. އެމްޑީޕީން ޓައި އެޅުން ހުއްޓުވައިލީ މިނިސްޓަރުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ހާޒިރު ނުކުރާތީ ކުރާ އިހުތިޖާޖެއްގެ ގޮތުގަ އެވެ.

ކޮމިޓީން ފާސްކުރި އިސްލާހުގައި މަޖިލީހުގެ ގަވައިދަށް "ޖަދުވަލު 5″ އިތުރުކޮށް، ރަސްމީ ހެދުންތަކާއި މަނާ ހެދުންތަކުގެ ލިސްޓެއް ހިމަނާފައިވެ އެވެ. ރަސްމީ ހެދުމުގެ ގޮތުގައި ކޯޓު ފަޓުލޫނު، ގައުމީ ހެދުން، ގަމީހާއި ޓައީއާއި ފަޓުލޫނު، އަދި އަތްދިގު ގަމީސް ޖަހައިގެން ބޫޓަށް އެރުން ހިމެނެ އެވެ.

މަނާ ހެދުންތަކުގެ ތެރޭގައި ހަންގަނޑު ފެންނަ ތުނި ހެދުން، ޖަމާއަތްތަކުގެ ބެޖުތައް ޖަހާފައި ހުންނަ ހެދުން، ހުތުރު ބަސް ނުވަތަ ފޮޓޯ ޖަހާފައި ހުންނަ ހެދުން، ޖީންސް، ކުރު ހަރުވާޅު، ޓީޝާޓް، ފެންފައިވާލި އަދި ޓެނިސް ޝޫޒް ހިމެނެ އެވެ. މި ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުން މަހުރޫމު ކުރުން ފަދަ ފިޔަވަޅުތައް އަޅަން ވެސް ފުރުސަތު ހުޅުވޭނެ އެވެ.

މި ގަވައިދަށް މެންބަރުންނާއެކު ތަޅުމަށް ޒިޔާރަތްކުރާ މީހުން ވެސް އަމަލުކުރަން ޖެހޭނެ އެވެ. އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.