މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު ހަމަޖައްސައިފި

މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު ހަމަޖައްސައިފި

Author
ޙަސަން މުޙައްމަދު
09 އޮކްޓޯބަރ 2025 09:56
0

މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުންފުނީގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެމްބަރެއް ވަނީ އައްޔަންކޮށްފައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ހާމަކުރި ގޮތުގައި މި މަގާމަށް އައްޔަންކޮށްފައިވަނީ ގދ. ތިނަދޫ، ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ.

މި ނިންމުން ނެގުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކާ އެއްގޮތަށެވެ. މިފްކޯ ތަރައްގީކުރުމާއި ކުންފުނީގެ ސިޔާސަތުތައް ކަނޑައެޅުމުގައި މަސްވެރިންނަށް ސީދާ ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންނެވި ކަމެކެވެ.

މިފްކޯ އަކީ ކުރީގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް ކުންފުންޏެއް ނަމަވެސް މިހާރުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފައިވެއެވެ. މަސްވެރިން ތަމްސީލުކުރާނެ ބޯޑް މެމްބަރަކު ހޯދުމަށް ފުރަތަމަ އިއުލާންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 28 ގައި ނަމަވެސް އެކި ފަހަރު މަތިން އިއުލާންކުރަންޖެހުނީ މުރާޖައާކުރާނެ ފަރާތަކު ނުލިބޭތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.