އައިޔޫއެމްގައި ރާއްޖޭގެ ފުރަތަމަ ލީގަލް ކްލިނިކް ހުޅުވައިފި

އައިޔޫއެމްގައި ރާއްޖޭގެ ފުރަތަމަ ލީގަލް ކްލިނިކް ހުޅުވައިފި

Author
އަހުމަދު
06 އޮކްޓޯބަރ 2025 08:33
0

ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ލައިސެންސިން ޓްރެއިނިން ޕްރޮގްރާމް ހިންގުމަށްޓަކައި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ލީގަލް ކްލިނިކް އިސްލާމިކް ޔުނިވާސިޓީގައި ހުޅުވައިފިއެވެ. މި ކްލިނިކް ހުޅުވައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

މި ކްލިނިކް ވުޖޫދުކުރަން މީގެ ދެ އަހަރު ކުރިން އިސްކޮށް މަސައްކަތް ފައްޓަވައިދެއްވީ އުއްތަމަ ފަނޑިޔާރު ކަމަށާއި، އެކަން ކާމިޔާބުކުރެއްވީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ކުޑަ ޓީމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ކުއްލިއްޔާގައި މީގެ 11 މަސް ކުރިއާ ޖެހެންދެން ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއީ ދަރިވަރުންނަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށާއި، ލޯ ފާމްތަކުގައި ތިބެންޖެހޭ ތިބުން ނިމުމަކަށް އަންނާނެ ކަމަށެވެ.

އައިޔޫއެމްގެ ދަރިވަރުންނަށް އިތުރުން ރާއްޖޭގައި ގާނޫނު ކިޔަވާ އެހެން ދަރިވަރުންނަށް ވެސް މި ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ޣަނީ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނީ ދާއިރާއަށް އާންމުން ހޭލުންތެރި ކުރުމަކީ ވެސް މި ކްލިނިކަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށެވެ. ނިކަމެތިންނަށް އެއްވެސް އިސްތިސްނާއެއް ނެތި ހިލޭ ގާނޫނީ ލަފާ ފޯރުކޮށްދިނުމަކީ ވަރުގަދަ އިޖުތިމާއީ ހިދުމަތަކަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކްލިނިކްގެ ސަބަބުން ގާނޫނީ ދަރިވަރުންނަށް ތަޖުރިބާކާރު ވަކީލުންގެ ބެލުމުގެ ދަށުން އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ. ގާނޫނީ ފަންނުގެ ހުވާކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމް ނިންމުމަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

މި ލީގަލް ކްލިނިކް ހިންގުމަށްޓަކައި އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އަދި ކުރީގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ފަޒްނާ އަހުމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.