ޓީޗަރުންގެ ދުވަހާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށެވެ.
ރައީސް ވިދާޅުވީ މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ގަދަރުވެރި ފަހުރުވެރި ހިދުމަތެއް ކަމަށެވެ. މިގައުމުގެ ދިދަ މާދަމާ އުފުލާނެ އަޒުމުވަރުގަދަ ހިތްވަރުހުރި މޮޅު ކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެކުދީން ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދޭ އިރުޝާދާއި ތަޢުލީމާއި އޯގާތެރިކަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމަށް ޔަގީންކަން އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ