ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާތީ މިއަދާއި މިރޭ މާލޭގެ ބައެއް ސަރަހައްދުތަކުން އާންމު ދަތުރުފަތުރު ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
އެކްސް (ޓްވިޓަރ) ގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޮޕަރޭޝަންގެ ތެރޭގައި ވަކި ވަގުތުތަކުގައި މާލޭގެ ވަކި ހިސާބުތަކުން ޓްރެފިކާއި އާންމުން ހިނގައިއުޅުން މަނާކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ކޮން ސަރަހައްދުތަކެއް ބަންދުކުރާނެކަމެއް ފުލުހުން ސާފުކޮށް ހާމައެއް ނުކުރެއެވެ.
މި އޮޕަރޭޝަން ފެށުމާ ގުޅިގެން ފުލުހުން އާންމުންގެ އެއްބާރުލުން ހޯދުމަށް އެދި، ދަތުރުފަތުރުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް ވިދާޅުވެ މާފަށް އެދިފައިވެއެވެ.
މި އޮޕަރޭޝަން ފެށިފައިވަނީ މިރެއިން ފެށިގެން އެމްޑީޕީން ރާވާފައިވާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެންކަމަށް ބެލެވެއެވެ. މި މުޒާހަރާތަކާ ބެހޭގޮތުން މީގެ ދެ ދުވަސް ކުރިން ފުލުހުން ދޫކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ އެއްވުމުގައި ބައިވެރިވާ ބައެއް ފަރާތްތަކުން މާލޭގައި ފަސާދަ އުފައްދައި، ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ސިޔާސީ ބައެއް ފަރާތްތަކުން ހުއްދަ ދީފައިވާ މަގުތަކާ ޚިލާފަށް ހިނގާލުން ކުރުމަށާއި، ވަކިވަކި ގްރޫޕްތަކަށް ބެހިގެން މާލޭގައި ހަމަނުޖެހުން އުފައްދައި އިމާރާތްތަކަށް ގެއްލުން ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ މުހިންމު ޒިންމާއެއް ކަމަށް ބުނެ، ސުލްހަވެރި މުޒާހަރާގެ ނަމުގައި ޤާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
މާލޭގެ އަމަންއަމާންކަމަށް ނުރައްކާވާނެ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅާނެކަމަށާއި، މުޖުތަމައުގެ މަސްލަހަތު ރައްކާތެރިކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، އާންމުންގެ އެއްބާރުލުން ހޯދުމަށް ފުލުހުން ގޮވާލާފައި ވެއެވެ.
ކޮމެންޓު ފޮނުވާ