އެމްޑީޕީގެ އެކައުންޓުތައް ފްރީޒްކުރަން މޯލްޑިވިއަނުން ކޯޓަށް ހުށަހަޅައިފި

އެމްޑީޕީގެ އެކައުންޓުތައް ފްރީޒްކުރަން މޯލްޑިވިއަނުން ކޯޓަށް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
02 އޮކްޓޯބަރ 2025 09:46
0

ގައުމީ އެއާލައިން މޯލްޑިވިއަނަށް އިދިކޮޅު އެމްޑީޕީން ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ ނުދެއްކުމުން، އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކުރުމަށް އެދި އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަންޖެހޭ ޖުމުލަ 5.6 މިލިއަން ރުފިޔާއާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ކުރިން ޝަރީއަތް މެދުވެރިކޮށް ދެ ފަރާތުގެ ދެމެދު ސެޓްލްމެންޓް އެއްބަސްވުމެއް ހެދި، ކޮންމެ ހަ މަހަކުން ފައިސާގެ ބައެއް ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވެފައިވެއެވެ.

އެހެންނަމަވެސް، މި އަހަރު ދައްކަންޖެހޭ ފައިސާ އެމްޑީޕީން ނުދައްކައި އޮތުމުން، މޯލްޑިވިއަނުން މައްސަލަ އަލުން ކޯޓަށް ހުށަހެޅުމުން، ސެޓްލްމެންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން މިދިޔަ ޖުލައި 30 ގައި ސިވިލް ކޯޓުގެ ގާޒީ ސިނާން އަލި ހުކުމް ކުރެއްވިއެވެ. ކޯޓުން އަންގާފައިވަނީ މި ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަންނެވެ.

އެމްޑީޕީން މި ފައިސާ ނުދެއްކުމުން، އެ ޕާޓީގެ ހުރިހާ އެކައުންޓުތައް ފްރީޒްކުރުމަށް އެދި މޯލްޑިވިއަނުން އަލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައިވާ ކަން އެމްޑީޕީގެ އޮފިޝަލަކު "ސަން"އަށް ތަސްދީގު ކޮށްދިނެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން މޯލްޑިވިއަނަށް ފައިސާ ދެއްކުން ލަސްވެފައިވެއެވެ.

އެމްޑީޕީން ކޯޓުގައި ހުށަހެޅި ހުއްޖަތަކީވެސް، އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުން ކަމަށްވީ ނަމަވެސް، މޯލްޑިވިއަނުން އިތުރު ފުރުސަތެއް ދިނުމާ ދެކޮޅު ހަދައި، ފައިސާ ހޯދުމަށް ކޯޓުގެ އަމުރެއް ނެރުމަށް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.