ޝީޝާ މަނާކޮށް ހަކުރު ބުއިންތަކުގެ ޓެކްސް ބޮޑުކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި

ޝީޝާ މަނާކޮށް ހަކުރު ބުއިންތަކުގެ ޓެކްސް ބޮޑުކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި

Author
ޙަސަން މުޙައްމަދު
02 އޮކްޓޯބަރ 2025 11:10
0

ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރަމުންދާ ޝީޝާ އެއްކޮށް މަނާކޮށް، ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިއަދު ގޮވާލައިފިއެވެ. މީގެ އިތުރުން ޕާމް ތެޔޮ، ޓްރާންސް ފެޓް ގިނައިން ހުންނަ ކާބޯތަކެތި އަދި ޕްރޮސެސްކޮށްފައިވާ މަސް ފަދަ ސިއްހަތަށް ނުރައްކާތެރި ބާވަތްތަކުގެ ޓެކްސް ވެސް އިތުރުކުރުމަށް އެ ޖަމިއްޔާއިން ވަނީ ހުށަހަޅައިފައެވެ.

ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އެ ޖަމިއްޔާއިން ބަލައިގަންނަ ކަމަށެވެ. އަދި މިކަމަކީ އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ދެކޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވަނީ، މިހާރު އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކޮށް، އެކަމަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމާއި، އާއްމުން ހޭލުންތެރިކުރުމުގެ ކެމްޕެއިންތައް ވަރުގަދަކުރުމާއި، ދުންފަތުގެ އެކި ފްލޭވާތައް މަނާކުރުމާއި، ދުންފަތު ބޭނުންނުކުރާ ކެއުމުގެ މާހައުލެއް ގާއިމުކޮށް ސިއްހަތަށް ފައިދާހުރި އާއިލީ މާހައުލެއް އުފެއްދުމެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ޓަކައި "ޓްރެފިކް ލައިޓް" ސްޓައިލްގެ ނިއުޓްރިޝަނަލް ލޭބަލްތައް ތައާރަފުކުރުމަށް ވެސް ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފައިވެއެވެ. މިއީ އާއްމުންނަށް ކާބޯތަކެތީގައި ހުންނަ ނިއުޓްރިޝަން އާ ބެހޭ މައުލޫމާތު ފަސޭހައިން ދެނެގަނެވޭނެ ނިޒާމެކެވެ. އަދި ދަނޑުވެރިކަމާއި މޭވާ، ތަރުކާރީ އަދި ސިއްހަތަށް ފައިދާހުރި އެހެން ކާނާ ވިއްކުމުގައި ފިސްކަލް ލުއިތައް ދިނުމަށް ވެސް އެ ޖަމިއްޔާއިން ހުށަހަޅައިފައިވެއެވެ.

ދުފުމުގައި ބޭނުންކުރާ ބާވަތްތަކުގައި އަނގައިގެ ކެންސަރުގެ ނުރައްކާ ދައްކުވައިދޭ ގްރެފިކް އިންޒާރު ލާޒިމުކުރުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްކޮށް، ރިހެބިލިޓޭޝަންއާއި ގެއްލުން ކުޑަކުރުމުގެ ޕްރޮގްރާމްތައް ހަރުދަނާކުރުމަށް ވެސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފައިވެއެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެވިޑެންސް ބޭސްޑް އަދި ކޮސްޓް އިފެކްޓިވް އިންޓަވެންޝަންތައް އަވަހަށް ތަންފީޒުކުރުމުން ދުންފަތުގެ ބޭނުންކުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ބުރަ ކުޑަވެ، ދުޅަހެޔޮ އަދި އުފެއްދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް މަގުފަހިވާނެއެވެ.

މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކާ އުމުރު މަތިކުރުމާއި، ދުންފަތުން ދުރުވުމަށް ސިޒޭޝަން ކްލިނިކްގެ ހިދުމަތް ފުޅާކުރުމާއި، ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މަނާކުރުން ފަދަ ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް ވެސް މެޑިކަލް އެސޯސިއޭޝަނުން ވަނީ މަރުހަބާ ކިޔައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.