އެމްއެންޑީއެފްގެ ހަލާކުވެފައިވާ ވެހިކަލްތަކެއް ނީލަމުގައި ވިއްކާލަން

އެމްއެންޑީއެފްގެ ހަލާކުވެފައިވާ ވެހިކަލްތަކެއް ނީލަމުގައި ވިއްކާލަން

Author
ޙަސަން މުޙައްމަދު
01 އޮކްޓޯބަރ 2025 09:00
0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭނުން ނުކުރެވޭ ފެންވަރަށް ހަލާކުވެފައިވާ ހަތަރު ވެހިކަލެއް ނީލަމުގައި ވިއްކާލުމަށް ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، މި ވެހިކަލްތައް ނީލަން ކިޔުމުގެ ރަސްމިއްޔާތު ބާއްވާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު މާލޭގެ ބަނޑޭރި ކޮށީގައި ކަމަށެވެ.

ނީލަމަށް ހުށަހަޅާ ހަތަރު ކާރަށް ކަނޑައަޅާފައިވާ ފެށޭ އަގުތަކަކީ 38،000 ރުފިޔާއިން ފެށިގެން 110،000 ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ. ކޮންމެ ވެހިކަލަކަށްވެސް ވަކި ފެށޭ އަގެއް ކަނޑައަޅާފައިވާ އިރު، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އެއަށްވުރެ މަތީ އަގެއް ހުށަހަޅައިގެން ވާދަކުރެވޭނެ އެވެ.

ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އަންގައިފި އެވެ. މީގެ އިތުރުން ނީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެ އެވެ.

ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ މުދާތައް ނީލަމުގެ އުސޫލުން ވިއްކާލުމަކީ މީގެ ކުރިންވެސް ކުރަމުން އައި ކަމެކެވެ. މިގޮތުން ލިބޭ ފައިސާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖަމާކުރެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.