ކަނޑުމަތީގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކްކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި އެވެ. މި އޮޕަރޭޝަން ފެށީ ފާއިތުވި ދުވަސްތަކުގައި ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، ސަލާމަތީ ގަވާއިދުތައް ފުރިހަމަނުކޮށް އުޅަނދުފަހަރު ދުއްވުން ފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މައިގަނޑު ސަބަބެވެ.
މި އޮޕަރޭޝަންގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުން ވެސް ބައިވެރިވާނެ އެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރު ޗެކްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި ބަލާނީ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. މީގެ އިތުރުން، ދަތުރުވެރިންގެ ސަލާމަތަށް ބޭނުންވާ ތަކެތި އުޅަނދުގައި ހުރިތޯ ބެލުމާއި، މެރިން ވީއެޗްއެފް ރޭޑިއޯ ސިސްޓަމް މަސައްކަތްކުރޭތޯ ޗެކްކުރުން ހިމެނެ އެވެ. އަދި އުޅަނދުފަހަރުގެ ކެޕްޓަނުންގެ އަތުގައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ސައްހަ ލައިސަންސް ހުރިތޯ ވެސް ބަލާނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކާ މެދު އިސްލާހީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މިކަމުގެ ބޭނުމަކީ ކަނޑުމަތީގެ ދަތުރުތައް ރައްކާތެރިކޮށް، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ