ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ދަށުން ރައްޔިތުންނާ މަޝްވަރާކުރުމަށް ބާއްވާ "ކުރިމަގު ސައްލާ" ބައްދަލުވުންތައް މިހާތަނަށް 9 އަތޮޅެއްގެ 50 ރަށެއްގައި ކުރިއަށް ގެންދެވިއްޖެއެވެ. މި ބައްދަލުވުންތައް ސެޕްޓެމްބަރު 17 ވަނަ ދުވަހު ފެށުނުތާ ދެ ހަފުތާ ވެފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ނިންމާފައިވެއެވެ.
ވިލުންތެރި ރާއްޖެ ޓީމުން މަޢުލޫމާތު ދެއްވާގޮތުގައި، މިހާތަނަށް އައްޑޫ ސިޓީގެ 6 ރަށާއި، ފުވައްމުލައް ސިޓީއާއި، ހއ. އަތޮޅުގެ 15 ރަށާއި، ވ. އަތޮޅުގެ 5 ރަށާއި، އދ. އަތޮޅުގެ 7 ރަށުގައި ބައްދަލުވުންތައް ނިމިފައިވެއެވެ. މި 5 އަތޮޅުގައި ހިމެނޭ ޖުމުލަ 34 ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބައްދަލުވުންތައް ފުރިހަމަކޮށްފައިވާކަމަށް ޓީމުން ފާހަގަކުރެއެވެ.
މިވަގުތު ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ކުރިއަށްދަނީ ގދ. އަތޮޅާއި، މ. އަތޮޅާއި، ލ. އަތޮޅާއި، ޅ. އަތޮޅުގައި ކަމަށް ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވެއެވެ. މި މަސައްކަތް އޮކްޓޯބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް، ޖެނުއަރީ މަހު މުޅި ޕްލޭން އިފްތިތާޙުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް މަޢުލޫމާތު ލިބެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤުޞަދަކީ، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ސާފު ތަޞައްވުރެއް އެކުލަވާލައި، ސަރުކާރުތައް ބަދަލުވިޔަސް އެއް މިސްރާބަކުން މަސައްކަތް ކުރިއަށް ގެންދިއުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީ އަދި ދިރިއުޅުމުގެ ހާލަތަށް އަންނާނެ ބަދަލުތަކާއި، ތިމާވެށްޓާއި ޢުމްރާނީ ތަރައްޤީއާއި، ޓެކްނޮލޮޖީގެ ކުރިއެރުމަށް ރިޢާޔަތްކޮށް، ދިގު މުއްދަތުގެ ތަރައްޤީގެ ރޭވުމެއް ހިމެނޭނެއެވެ.
މި ބައްދަލުވުންތަކުގައި ރަށު އަދި އަތޮޅު ކައުންސިލްތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ފަރުދުން ބައިވެރިވެ، އެފަރާތްތަކުގެ ޚިޔާލާއި ލަފާ ހިއްސާކުރުމުގެ ފުރުޞަތު ފަހިވެފައިވެއެވެ. ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އަމިއްލަ ކޮންސަލްޓީ ފާމަކާ ހަވާލުކޮށްގެން ކަމަށާއި، މަސައްކަތް ވިލަރެސްކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ