އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތަކުން ބޭނުންކުރެވޭ ޑޮލަރު ލިމިޓަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މި ޚަބަރު ރައީސް ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކުންނެވެ.
ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރެވޭ މި ބަދަލުތަކުގެ ދަށުން، ބީއެމްއެލްގެ ކްލެސިކް ކާޑުގެ މަހު ލިމިޓް މިހާރުގެ 750 ޑޮލަރުން 1400 ޑޮލަރަށް އިތުރުވެގެންދާނެ އެވެ. މިއީ ގާތްގަނޑަކަށް ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ. ހަމަ އެހެންމެ، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އިތުރުވާއިރު، ޕްލެޓިނަމް ކާޑު ބޭނުންކުރާ ފަރާތްތަކަށް 1500 ޑޮލަރުގެ ބަދަލުގައި 2000 ޑޮލަރު ބޭނުންކުރެވޭނެ އެވެ.
މި ބަދަލުތަކަކީ ސަރުކާރުން ރާއްޖޭގެ ޑޮލަރު ބޭނުންކުރުމުގެ ނިޒާމު ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ކުރިން ނޮވެމްބަރު 11 ގައި ތަންފީޒުކުރެވުނު ބަދަލުތަކުގެ ދަށުން، ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް މެދުވެރިކޮށް ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުވެފައިވާއިރު، އެއާލައިން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގެ ހޮޓަލްތަކަށް ފައިސާ ދެއްކުމަށް 3000 ޑޮލަރު ބޭނުންކުރެވޭ ގޮތް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ބޭންކުގައި އެދުމުން ޑެބިޓް ކާޑު މެދުވެރިކޮށް ސީދާ ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފަ އެވެ. ޖުލައި މަހު ޑެބިޓް ކާޑުގެ މަހު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް އިތުރުކުރުމަށްފަހު، މިހާރު އަލުން ގެނެވޭ މި ބަދަލުތަކުން ރައްޔިތުންނަށް ބޭރުގެ މުއާމަލާތްތައް ކުރުމުގައި ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ