ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް މީހުން ހޯދަން އިއުލާނު ކޮށްފި

ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް މީހުން ހޯދަން އިއުލާނު ކޮށްފި

Author
ޙަސަން މުޙައްމަދު
29 ސެޕްޓެމްބަރ 2025 01:01
0

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮންސްޓަބަލްގެ މަގާމަށް މީހުން ހޯދުމަށް އިއުލާނު ކޮށްފި އެވެ. މި ފަހަރު ވަޒީފާއަށް ނަގާނެ މީހުންގެ އަދަދެއް ފުލުހުންގެ ފަރާތުން ހާމަކުރައްވާފައެއް ނުވެ އެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ ތައުލީމީ ފެންވަރަކީ އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން މަދުވެގެން "ސީ" ފާސް ހާސިލުކޮށްފައިވުމުގެ އިތުރުން ޖީސީއީ އޯ ލެވެލް އިމްތިހާނުން ދެ މާއްދާއިން މަދުވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން އެވެ. އެހެން ނަމަވެސް މި ޝަރުތަށްވުރެ މަތީ ތައުލީމީ ފެންވަރެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ފޯމް ބަލައިނުގަންނާނެ ކަމަށް ފުލުހުންގެ ފަރާތުން ވަނީ ސާފުކޮށްދެއްވާފަ އެވެ.

ވަޒީފާއަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތަކަށެވެ. ހަމައެއާއެކު ފިރިހެން ކެންޑިޑޭޓުންގެ އިސްކޮޅު މަދުވެގެން 5 ފޫޓު 1 އިންޗި ހުންނަންވާނެ އެވެ. އަންހެން ކެންޑިޑޭޓުންގެ އިސްކޮޅު 5 ފޫޓު ހުންނަންވާނެ އެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ރެކުރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުޠުތައްވެސް ފުރިހަމަވާންޖެހޭނެ އެވެ.

ކޮންސްޓަބަލްގެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 8،990 ރުފިޔާ އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 6،510 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ފުލުހުންގެ ވަޒީފާގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ލިބޭނެ އެވެ. ހަމައެއާއެކު ކެއުމާއި ބޭސްފަރުވާގެ ޚިދުމަތްވެސް ލިބިގެންދާނެ އެވެ.

މި ވަޒީފާގެ ފުރުސަތަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޫބަރު 15 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.