ކުޑަކުދިންނަށް އަނިޔާކުރާ ވީޑިއޯ ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ކުޑަކުދިންނަށް އަނިޔާކުރާ ވީޑިއޯ ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި

Author
ޙަސަން މުޙައްމަދު
29 ސެޕްޓެމްބަރ 2025 08:24
0

ސޯޝަލް މީޑިއާގައި ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ފެތުރެމުންދާތީ، އެ ވީޑިއޯ އިތުރަށް ޝެއާރނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި މިއީ އަޕަރ ނޯތް ޕޮލިސްގެ ދާއިރާގައި ހިމެނޭ ރަށަކުން ރިޕޯޓުކުރެވިފައިވާ ހާދިސާއެކެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނާއި ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީގެ އެހީތެރިކަމާއެކު ތަހުޤީޤު ކުރިއަށް ގެންދާކަމަށް ފުލުހުން ހާމަކުރިއެވެ.

ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ދެ ބޮޑެތި މީހުން ގުޅިގެން ކުޑަ ކުއްޖަކަށް އަތުން ޖަހައި އަނިޔާކުރަމުންދާ ލުމުހުން ހިތްދަތި މަންޒަރެވެ. މިފަދަ ކޮންޓެންޓް ފެތުރުމަކީ އަނިޔާ ލިބުނު ކުއްޖާ އަނެއްކާވެސް ވިކްޓިމައިޒްވުމަށް މަގުފަހިވެ، އެ ކުއްޖާގެ ކަރާމާތާއި އަބުރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއްކަމަށް ފުލުހުން ފާހަގަކުރިއެވެ.

މި ވީޑިއޯ ލިބިފައިވާ ފަރާތްތަކުން އެ ކޮންޓެންޓް ޑިލީޓްކޮށް، އިތުރު ފަރާތްތަކާ ޙިއްސާނުކުރުމަށް ފުލުހުން ވަރަށް ބޮޑަށް އިލްތިމާސްކުރެއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މިފަދަ ހާދިސާތަކުގައި ޝިކާރައަކަށްވާ ކުދިންގެ މަޞްލަޙަތު ހިމާޔަތްކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.