އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަކަށް މުހައްމަދު ޝައްފާން

އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަކަށް މުހައްމަދު ޝައްފާން

Author
ޙަސަން މުޙައްމަދު
27 ސެޕްޓެމްބަރ 2025 08:33
0

ދުނިޔޭގެ އެންމެ ޝަރަފުވެރި ތައުލީމީ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ޑިގްރީ ހާސިލްކުރި ފުރަތަމަ ދިވެހި ރައްޔިތަކަށް 30 އަހަރުގެ ވަކީލް މުހައްމަދު ޝައްފާން ވެއްޖެއެވެ. ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސްގެ މައްޗަށް ބިނާކޮށް ހަތަރު އަހަރުގެ ދިރާސާ ފުރިހަމަކުރުމަށްފަހު އިއްޔެ ވަނީ އޭނާ ގްރެޖުއޭޓް ވެފައެވެ.

އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުތަކުގައި ރާއްޖެއިން އެއްވަނަ ހޯދި ޝައްފާންއަކީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެއްގައި މަތީ ތައުލީމަށް ބޭރަށް ދިޔަ ދަރިވަރެކެވެ. ކިންގްސް ކޮލެޖް ލަންޑަނުން ޑިގްރީ ހާސިލްކުރުމަށްފަހު، ފިކުރީ މުދަލާ ބެހޭ ގާނޫނުން މާސްޓާސް ޑިގްރީ ހެދުމަށް އޮކްސްފޯޑާއި ކެމްބްރިޖް ދެ ޔުނިވާސިޓީންވެސް އޭނާއަށް ފުރުސަތު ލިބުނު ނަމަވެސް، އޮކްސްފޯޑް އިހުތިޔާރުކުރިއެވެ.

މާސްޓާސް ޑިގްރީ ފުރިހަމަކުރުމަށް 90 ދަރިވަރުންގެ ތެރެއިން 8 ދަރިވަރަކަށް ލިބޭ 20،000 ޕައުންޑްގެ ސްކޮލަޝިޕެއް އޭނާއަށް ލިބުނެވެ. މާސްޓާސްގެ ނަތީޖާ ރަނގަޅުވުމުން ޕީއެޗްޑީ ކިޔެވުމަށް އޮކްސްފޯޑް ލޯ ފެކަލްޓީން ހަރަދުގެ އެއްބައި ދޭ ސްކޮލަޝިޕެއް ލިބުނު ނަމަވެސް، ބައިނަލްއަގުވާމީ ދަރިވަރެއްގެ ގޮތުގައި އިތުރު ހަރަދުތައް އަމިއްލައަށް ކުރަންޖެހުނެވެ.

ދުނިޔޭގެ 319 މޮޅު ދަރިވަރުންނާ ވާދަކޮށްގެން އޮކްސްފޯޑުގައި ޕީއެޗްޑީ ހެދުމުގެ ފުރުސަތު ހޯދުމަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް މީގެ ކުރިން ހާމަކޮށްފައި ވެއެވެ.

ބޭރުގައި ކިޔަވަމުންދިޔަ ދުވަސްވަރުވެސް ރާއްޖޭގައި އަމިއްލަ ލޯ ފާމަކާއި ގާނޫނާއި ގަވާއިދުތައް ފެންނަ ވެބްސައިޓެއް ހިންގަމުންދިޔަ ޝައްފާން މިހާރު ގެންދަނީ ތީސިސްގެ މައްޗަށް ބިނާކޮށް ދިރާސާތަކާއި ލިޔުންތައް ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ އުއްމީދުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.