މާލެ ސަރަހައްދުގައި ހަފްތާއެއްގެ ތެރޭގައި 44 އެކްސިޑެންޓް، ގިނަ އެކްސިޑެންޓް ހިނގީ ދުވާލު ގަޑީގައި

މާލެ ސަރަހައްދުގައި ހަފްތާއެއްގެ ތެރޭގައި 44 އެކްސިޑެންޓް، ގިނަ އެކްސިޑެންޓް ހިނގީ ދުވާލު ގަޑީގައި

Author
ހުސައިން
23 ސެޕްޓެމްބަރ 2025 10:58
0

ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުގައި 44 ޓްރެފިކް އެކްސިޑެންޓެއް ހިނގައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި މަހުގެ 14 ވަނަ ދުވަހުން 20 ވަނަ ދުވަހާ ހަމައަށް ހިނގި މި ހާދިސާތަކުގެ ތަފްސީލު ފުލުހުން ވަނީ އާންމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ގޮތުގައި، އެންމެ ގިނަ އެކްސިޑެންޓް ހިނގައިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު، 9 ހާދިސާއެއް ރިޕޯޓްކުރެވިފައިވާއިރު، އެންމެ މަދުން ހާދިސާ ހިނގީ 19 ވަނަ ދުވަހު 3 އެކްސިޑެންޓެކެވެ. މި ހާދިސާތަކުގެ 82 ޕަސަންޓް، އެއީ 36 އެކްސިޑެންޓް ހިނގައިފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށާއި، ބާކީ 18 ޕަސަންޓް، އެއީ 8 ހާދިސާ ހިނގީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށް ފުލުހުން ބުނެއެވެ.

ހާދިސާތަކުގައި ހިމެނޭ އުޅަނދުފަހަރުގެ 92 ޕަސަންޓަށް ގެއްލުންވެފައިވާއިރު، މި އެކްސިޑެންޓްތަކުގައި ހިމެނޭ މީހުންގެ 98 ޕަސަންޓަށް އަނިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް ސީރިއަސް އަނިޔާ ލިބިފައިވަނީ 2 ޕަސަންޓް މީހުންނަށް އެކަނި ކަމަށްވެސް ފުލުހުން ފާހަގަކޮށްފިއެވެ.

ސައިކަލުތައް ހިމެނޭ އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާފައިވާކަމަށް ފުލުހުން ބުންޏެވެ. ދެ ސައިކަލު ޖެހިގެން 15 ހާދިސާއާއި، ސައިކަލާއި ކާރު ޖެހިގެން 13 ހާދިސާ ހިނގާފައިވެއެވެ. ސިނާމާލެ ބްރިޖާއި ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓްތައް ޖުމްލަ ހާދިސާތަކުގެ 14 ޕަސަންޓަށް އަރާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ފާހަގަކުރާ ގޮތުގައި، މިފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގަނީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުންނެވެ. އެހެންކަމުން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ކަނޑައެޅިފައިވާ ސްޕީޑް ލިމިޓްގައި ދުއްވުމަށާއި، ރައްކާތެރިކަމާ އެކު އޯވަރޓޭކް ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.