ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިޢުލާންކުރެއްވި ޤައުމީ އޮޕަރޭޝަން މިއަދު ފަށައިފިއެވެ. މި އޮޕަރޭޝަންގެ މަޤްޞަދަކީ ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ވަޢުދުފުޅާ އެއްގޮތަށް، ޓާސްކްފޯސްއިން މި ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށެވެ.
މިއަދު ގުރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މާލޭގެ ނުވަ ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންނަމަވެސް، މި އޮޕަރޭޝަންގައި ބަންދުކުރި ބިދޭސީ ވިޔަފާރިތަކުގެ އަދަދާއި، އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންދިޔަ ބިދޭސީންގެ ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.
އޮޕަރޭޝަން ފެށުމުގެ ކުރިން ބޭއްވި ބްރީފިންގގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަޙްމަދް ފަޞީޙްގެ އިތުރުން އިމިގްރޭޝަނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ މި ޤައުމީ ފެންވަރުގެ އޮޕަރޭޝަނަށް މިއަދު މެންދުރުފަހު އޮފިސަރުންނަށް ތަމްރީނު ދެވުނެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޓީމްތައް މިހާރު އެކުލަވާލެވިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ރައީސް މުއިއްޒު ދިޔަ ރޭ ވިދާޅުވި ގޮތުގައި، ބައެއް ބިދޭސީން ވިޔަފާރި ކުރަނީ މަގުމަތީގައި ކުދިކުދި ތަންތަން ހުޅުވައިގެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައެވެ. މިފަދަ ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިފަދަ ތަންތަން ދެނެގަނެ، ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ބަންދުކުރާނެ ކަމަށާއި، މި ކަމުގައި ޝާމިލުވާ ބިދޭސީން ވަގުތުން ޑީޕޯޓު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ