ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޤައުމީ އޮޕަރޭޝަންގެ ދަށުން، ޤާނޫނާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރުމަށް އެހީތެރިވާ ދިވެހިންނަށްވެސް ފިޔަވަޅު އެޅޭނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަސީހު ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިތަކެއް ގަވާއިދާ ޚިލާފަށް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިގޮތުން ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވައި ޤާނޫނާ ޚިލާފަށް ވިޔަފާރިތައް ހިންގާ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.
"ބިޒްނަސްތަކަށް ވަދެ، ބިދޭސީންނާ ގުޅުންހުރި ނަން ދެވިފައި އެބަހުރި މަގުތަކަށް. މިއީ ފަސޭހަ އޮޕަރޭޝަނެއް ނޫން. ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން އެބަތިބި މިކަމުގެ އަޑީގައި. ސީރިއަސްކޮށް މަސައްކަތްތަކެއްކޮށްގެން ކާމިޔާބުވާނީ" ފަސީހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން އިޢުލާންކުރައްވާފައިވާއިރު، މި އޮޕަރޭޝަން މިހާރު ވަނީ ފެށިފައެވެ. މި މަސައްކަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ގުޅިގެން ހަރަކާތްތެރިވަމުން އަންނައިރު، ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީންނާއެކު އެކަންކަމަށް ފަހިކޮށްދޭ ދިވެހިންވެސް ހޯދައި، މައްސަލަތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅޭނެ ކަމަށް ފަސީހު ބުންޏެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މި ޤައުމީ އޮޕަރޭޝަން ކުރިއަށްގެންދަނީ ތިން ފިޔަވަހަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހު، ދެވަނަ ފިޔަވަހީގައި އާބާދީ ބޮޑު އަދި އިޤުތިޞާދީ ހަރަކާތްތައް ގިނަ ރަށްރަށް ބަލައި، ތިންވަނަ ފިޔަވަހީގައި އާބާދީ ކުދި ރަށްރަށް ފާސްކުރާނެ ކަމަށް ދާއޫދު ހާމަކުރިއެވެ.
"ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަދި އެކި ކުށްކުށުގައި ޝާމިލުވާ ބިދޭސީން ހޯދައި އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް މިފަށަނީ. އަޅުގަނޑުމެންގެ އަމާޒަކީ ކިތަންމެ ބޮޑު ތަޙުޤީޤެއްކޮށްގެން ނަމަވެސް މައްސަލަތަކުގެ ހައްލު ހޯދައި ޤާނޫނީ އިމުގެ ތެރެއަށް ގެނައުން" ދާއޫދު ވިދާޅުވިއެވެ.
މިދިޔަ އަހަރު ފެށިގެން ސަރުކާރުން ކުރިއަށް ގެންދާ މި ޚާއްސަ މަސައްކަތުގެ މަޤްޞަދަކީ ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި މިފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމެވެ.
ކޮމެންޓު ފޮނުވާ