އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރާ މަސައްކަތްތައް ފުޅާކޮށް، އޮގަސްޓު މަހު އެކަނިވެސް ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށާއި، އެކަނިވެރި މައިންބަފައިންނަށް، އަދި ފޮސްޓަރ ކެއާގައި ތިބި ކުދިންނަށް ޖުމުލަ 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އެކްސްގައި ހިއްސާކޮށްފައިވާ މަޢުލޫމާތުތަކުން ފާހަގަކުރެވޭ ގޮތުގައި، ފަގީރު ހާލަތުގައި ދިރިއުޅޭ 700 ފަރާތަކަށް ކާބޯތަކެތި ގަތުމަށް އޮގަސްޓު މަހު 25،720 ރުފިޔާ ފޯރުކޮށްދީފައިވެއެވެ. މިއީ ޖޫން އަދި ޖުލައި މަހު އެހީ ލިބުނު 697 މީހުންނަށް ދޫކުރި 25،600 ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. މި އެހީ ދެވެނީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ހަނޑޫ، ހަކުރު އަދި ފުށް ފަދަ އަސާސީ ކާބޯތަކެތި ގަތުމަށެވެ.
އެކަނިވެރި މައިންބަފައިންގެ ދާއިރާގައި ވެސް ކުރިއެރުން ފެނިގެން ގޮސްފައި ވެއެވެ. އޮގަސްޓު މަހު 30 މައިންބަފައިން އަލަށް ރަޖިސްޓަރީކުރުމާއެކު، މިހާރު ޖުމުލަ 2،870 މައިންބަފައިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. އަދި 69 ކުދިން އަލަށް ރަޖިސްޓަރީވުމާއެކު، ޖުމުލަ 4،901 ކުދިންނަށް މި އެހީތެރިކަން ލިބެމުންދެއެވެ. މި ކުދިންނަށް އޮގަސްޓު މަހު އެކަނިވެސް 4،905،000 ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެ އިތުރުން، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ދިރިއުޅޭ ކުދިންނަށް ފޮސްޓަރ ކެއާ ދިނުމުގެ ޕްރޮގްރާމު ވެސް ފުޅާވަމުންދެއެވެ. އޮގަސްޓު މަހު 4 ފޮސްޓަރ ބެލެނިވެރިން އަލަށް ރަޖިސްޓަރީކުރުމާއެކު، މިހާރު 97 ބެލެނިވެރިންގެ ބެލުމުގެ ދަށުގައި 130 ކުދިން ތިބެއެވެ. މި ކުދިންނަށް އޮގަސްޓު މަހު 178،500 ރުފިޔާ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ.
ސަރުކާރުން މިހާރު އެކަނިވެރި މައިންބަފައިންނަށް ދެމުންދަނީ މަހަކު 2000 ރުފިޔާގެ އެލަވަންސެކެވެ. އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ، އިތުރު ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބެމުންދެއެވެ. މި އެހީތައް ފޯރުކޮށްދިނުމަކީ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށް، ފަގީރުކަން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ