ވ. ތިނަދޫގެ ނަން ހަމައެކަނި އެ ރަށަށް ޚާއްސަކޮށްދިނުމަށް ރައްޔިތުން އެދިއްޖެ

ވ. ތިނަދޫގެ ނަން ހަމައެކަނި އެ ރަށަށް ޚާއްސަކޮށްދިނުމަށް ރައްޔިތުން އެދިއްޖެ

Author
ޙަސަން މުޙައްމަދު
20 ސެޕްޓެމްބަރ 2025 12:04
0

ވ. އަތޮޅު ތިނަދޫގެ ރައްޔިތުން، އެ ރަށުގެ ނަން "ތިނަދޫ" ގެ ނަމުގައި ހަމައެކަނި އެ ރަށް ހިމެނޭ ގޮތަށް ބަދަލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެރަށުގެ ރައްޔިތުން އެދިއްޖެއެވެ. މި އެދުން ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިރޭ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުގައެވެ.

ތިންސަތޭކައެއްހާ މީހުންގެ އާބާދީ ހިމެނޭ ވ. ތިނަދޫގެ ރައްޔިތުން މި ކަމަށް އެދޭ ސަބަބަކީ، ގދ. އަތޮޅުގައި ވެސް ތިނަދޫ ނަމުގައި ރަށެއް އޮތުމުން، ގިނަ ފަރާތްތަކަށް މި ދެ ރަށް އޮޅުމުން ކުރިމަތިވާ ދަތިތަކެވެ. ރައްޔިތުންގެ ފަރާތުން ވާހަކަދެއްކި އަބްދުލް އަޒީޒު (އަޒީބެ) ހާމަކުރެއްވި ގޮތުގައި، ގދ. ތިނަދޫގެ ރައްޔިތުން އެ ރަށަށް ކިޔަނީ "ތެނަދު" ނަމުން ކަމަށާއި، މާލޭގެ ފަރާތްތަކުން ކިޔަނީ "ތިނަދޫ" ކަމަށެވެ.

އަޒީބެ ހާމަކުރެއްވި ގޮތުގައި، ގދ. ތިނަދޫއަށް ޒިޔާރަތްކުރަން ގަސްތުކުރާ ފަތުރުވެރިން ގިނަ ފަހަރަށް ވ. ތިނަދޫއަށް އައިސް ފައިބާކަމަށާއި، އިންޓަނެޓުގައި ސާރޗްކުރާއިރު ދެ ރަށުގެ މައުލޫމާތު އެކުވެގެން ފެންނާތީ އޮޅުން އަރާކަމަށް ވިދާޅުވިއެވެ. މިކަމުން ރައްޔިތުންނަށް ނުހަނު ދަތިތަކެއް ކުރިމަތިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުން ހުށަހެޅި އިތުރު މައްސަލައެއްގެ ގޮތުގައި، ރަށުގެ އާބާދީގެ ތަފާސްހިސާބު ޞައްޙަނޫން ކަމުގެ ޝަކުވާ ހިމެނެއެވެ. އަޒީބެ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ތަފާސްހިސާބުތަކުގައި ރަށުގެ އާބާދީ އެއްހާސް މީހުންގެ ގޮތުގައި ދައްކާއިރު، ހަގީގަތުގައި ރަށުގައި ދިރިއުޅެމުންދަނީ 250 އެއްހާ މީހުންނެވެ. މި ތަފާތުގެ ސަބަބުން ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ރާވައި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ހުށަހެޅި މި އެދުންތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރައްޔިތުން ފާހަގަކުރި ހުރިހާ ކަންކަމަށް ވެސް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ރަށުގެ ނަން ބަދަލުކުރުމާ ގުޅޭގޮތުން ނިންމެވި ގޮތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އުސްގެކޮޅު
ނަން ބަދަލުކޮށް ގުއިދޫ ކިޔަސް ހެޔޮ، މާ މައްޗަށް ތިދަނީ، ހިތަށް އެރީމަ ނަންވެސް ބަދަލުކޮށްލަންވީ، އެކަމެއް ނުވާނެ، ތިއީ ހަމަ ވ. ތިނަދޫ، ކިތަންމެ ވަރަކަށް އުޅުނަށް ކިޔާނީ ތިނަދޫއޭ، ނަން ކަމުނުދަންޏާ ރަށުން ފައިބާ، އޭރުން ތިރަށުގައި ހަދާނީ ރިސޯޓެއް، ދެތިން މީހުން އުޅޭ ރަށެއްގެ މީހުންގެވެސް މާ ހިތް މަތިވީ، ދޭ އާބާދީ ބޮޑު ރަށަކަށް.