ޣައްޒާއަށް އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކުރުން ދިވެހި ސަރުކާރު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ޣައްޒާއަށް އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކުރުން ދިވެހި ސަރުކާރު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

Author
ހުސައިން
18 ސެޕްޓެމްބަރ 2025 09:27
0

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާ ސިޓީ މުޅިން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމަށް، އެއްގަމު މަގުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ މިފަދަ ޢަމަލުތަކުން ޣައްޒާގައި ދެމިގެންދާ ހަނގުރާމަ އިތުރަށް ހޫނުވެ، މިވަގުތުވެސް އެ ސަރަޙައްދަށް ދިމާވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށެވެ.

ޣައްޒާގެ ކުށެއްނެތް ޢާއްމު ރައްޔިތުންނަށް އިސްރާއީލުން ކެނޑިނޭޅި ކުރިމަތިކުރަމުންދާ ދަތިތަކާއި، އެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ ފުޅާވިޔަނުދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އިސްރާއީލަށް ބާރުއެޅުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. މީގެ އިތުރުން، ޤައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އިސްރާއީލު ޖަވާބުދާރީކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް ޢާއްމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިދާނެ ކަންކަމެއް ނޫންކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ.

ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާޢީދުކުރާނެކަން ދިވެހި ސަރުކާރުން ތަކުރާރުކޮށްފައިވެއެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 އަހަރުގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.