މާލޭ ސިޓީ ކައުންސިލުގެ ބިޑު އިވެލުއޭޝަން ކޮމިޓީ އުވާލައި ލަފާދޭ ކޮމިޓީއެއް އުފައްދައިފި

މާލޭ ސިޓީ ކައުންސިލުގެ ބިޑު އިވެލުއޭޝަން ކޮމިޓީ އުވާލައި ލަފާދޭ ކޮމިޓީއެއް އުފައްދައިފި

Author
ޙަސަން މުޙައްމަދު
18 ސެޕްޓެމްބަރ 2025 09:25
0

މާލޭ ސިޓީ ކައުންސިލުން މިދިޔަ ޖޫން މަހު އުފެއްދި ޕްރޮޕޯސަލް ބިޑު އިވެލުއޭޝަން ކޮމިޓީ އުވާލައި، އޭގެ ބަދަލުގައި ބިޑުތަކަށް ލަފާދޭ ކޮމިޓީއެއް އުފައްދައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ އެ ކޮމިޓީ އެކުލަވާލުމުގައި މާލިއްޔަތު ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބައެއް ކައުންސިލަރުން ފާހަގަކުރެއްވުމުންނެވެ.

ކައުންސިލުގެ އިއްޔެގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ފާހަގަކުރެއްވި ގޮތުގައި، ސިޓީ ކައުންސިލަށް ބިޑު ކޮމިޓީއެއް އެކުލަވާނުލެވޭނެ ނަމަވެސް ބިޑަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުން ގާނޫނީ ގޮތުން ހުއްދައެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، މި ކޮމިޓީގެ ދައުރަކީ ސީދާ ބިޑުތައް އިވެލުއޭޓްކުރުން ނޫނެވެ. ބިޑުތަކުގެ ހުރިހާ ޑޮކިއުމަންޓް ތައްޔާރުކޮށް އިވެލުއޭޓްކުރާނީ ކައުންސިލުގެ ޕްރޮކިއުމަންޓް ޔުނިޓުންނެވެ. އެ މަސައްކަތް ނިމުމުން، އެކަން ރަނގަޅަށް ހިނގާފައިވޭތޯ ބެލުމާއި ލަފާދިނުމަކީ މި އައު ކޮމިޓީގެ ޒިންމާއެވެ. އާޒިމް ވިދާޅުވި ގޮތުގައި، ބިޑުތަކުގައި ޓްރާންސްޕޭރަންސީ އިތުރުކޮށް، ކާކަށް ކޮން ޕްރޮޖެކްޓެއް ދިނީ އަދި ކިހިނެއްކަން ކައުންސިލަށް އެނގުމަކީ މި ކޮމިޓީ އުފެއްދި މަގުސަދެވެ.

މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ފާތިމަތު އިޝާން އަލީ ފާހަގަކުރެއްވި ގޮތުގައި، މާލިއްޔަތު ގާނޫނުގެ ދަށުން ބިޑު ކޮމިޓީތަކުގައި ސިޔާސީ މަގާމެއް އަދާކުރާ ފަރާތްތަކާއި އިންތިހާބުކުރެވިފައިވާ ފަރާތްތައް ހިމެނުމަކީ މަނާކަމެކެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ވެސް މި ނުކުތާ ތަކުރާރުކުރައްވައި، ބިޑު އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަންވާނީ ސިވިލް ސާވަންޓުންކަން ފާހަގަކުރެއްވިއެވެ.

ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ އައިމަން ފާހަގަކުރެއްވީ، މިދިޔަ ޖޫން މަހު ކޮމިޓީ އުފެއްދިއިރު މިފަދަ އެއްވެސް މައްސަލައެއް ނުޖެހި ފާސްކޮށްފައިވާކަމެވެ. އޭނާ ސުވާލުކުރެއްވީ މިހާރު މި މައްސަލަ އުފެދުނީ ކީއްވެގެންތޯއެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ، އައު ކޮމިޓީއަށް ހަތް މެމްބަރުންގެ ނަން ހުށަހެޅުއްވިއެވެ. އެ ނަންތަކަކީ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް، އިބްރާހިމް އަބޫބަކުރު، ފާތިމަތު ޝައުފާ ސަލީމް، ސައިފް ފާތިހު، އަހުމަދު ރިޝްވާން ރަޝީދު، ފާތިމަތު އިޝާން އަލީ އަދި ނަހުލާ އަލީއެވެ.

މި ހުށަހެޅުމަށް ފުރަތަމަ ވޯޓު ނެގުމުގައި 15 މެމްބަރުންގެ ތެރެއިން 7 މެމްބަރުން ތާއީދުކުރެއްވުމުން ފާހެއް ނުވިއެވެ. ނަމަވެސް ޑެޕިއުޓީ މޭޔަރު އަރީޝް ކޮމިޓީގައި ބައިވެރިނުވާން ނިންމެވުމުން، އޭނާގެ ބަދަލުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު ހަސަން ނިޒާމު ހިމެނުމަށް ހުށަހެޅި ހުށަހެޅުން 8 ވޯޓުން ފާސްވެއްޖެއެވެ.

މި ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރުގެ މަގާމުތަކަށް ޕީއެންސީގެ މެމްބަރުން ހޮވުމަށް ވެސް ނަހުލާ ހުށަހެޅުއްވި ނަމަވެސް، މޭޔަރު އާޒިމް ވިދާޅުވީ ހުރިހާ ޕާޓީތަކެއް ތަމްސީލުވާ ގޮތަށް ކޮމިޓީ އެކުލަވާލުމަށް ދެން އޮންނަ ޖަލްސާއެއްގައި މަޝްވަރާކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.