ބޭސް ކުންފުނީގެ ބޯޑަށް އަލަށް ދެ މެންބަރުން އައްޔަން ކޮށްފި

ބޭސް ކުންފުނީގެ ބޯޑަށް އަލަށް ދެ މެންބަރުން އައްޔަން ކޮށްފި

Author
ޙަސަން މުޙައްމަދު
18 ސެޕްޓެމްބަރ 2025 09:23
0

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް އިތުރު ދެ މެންބަރުން އައްޔަންކުރައްވައިފިއެވެ. މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން (ޕީސީބީ) ވަނީ މިރޭ އިއުލާންކޮށްފައެވެ.

މި ބޯޑަށް އަލަށް އައްޔަންކުރެއްވީ އަހްމަދު އަޒްޔާން ހަމީދާއި އާދަމް ބަދުރުﷲއެވެ. މިއާއެކު މި ކުންފުނީގެ ބޯޑުގައި ހިމެނެނީ ޖުމްލަ ފަސް މެންބަރުންނެވެ.

މީގެ ހަތަރު ދުވަސް ކުރިން މި ކުންފުނީގެ ބޯޑަށް ތިން މެންބަރުން އައްޔަންކުރައްވާފައިވެއެވެ. އެގޮތުން މެނޭޖިންގ ޑިރެކްޓަރުކަމަށް ޑރ. ޝާހް މާހިރު އައްޔަންކުރެއްވި އިރު، ބޯޑު މެންބަރުންގެ ގޮތުގައި އައިޝަތު މުހައްމަދާއި ޝިބާނާ އަބްދުﷲ ދީދީ އައްޔަންކުރައްވާފައިވެއެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ސެޕްޓެމްބަރު 9 ވަނަ ދުވަހު، ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ސަރުކާރު ކުންފުންޏެކެވެ.

މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކޮށް، އެ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމެވެ. މިއީ ސިއްހީ ދާއިރާގައި ބޭނުންވާ ތަކެތީގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އުފެއްދެވި މުހިންމު ކުންފުންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.