ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގައި މިމަހުގެ 16 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްދާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެދުވަހުގެ ހެނދުނުން ފެށިގެން މަޖިލީހުގެ އިދާރާ ސަރަހައްދުގައި މުޒާހަރާކުރި ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، ޓްރެފިކް ބެލެހެއްޓުމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރިކަމަށެވެ. މިކަން ކުރީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅައި އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި އެއްވުން ބޭއްވުމަށް ފުލުހުންގެ ލިޔުމުން ހުއްދަ ލިބެންޖެހޭކަމަށް ފުލުހުން ބުނެއެވެ. މިފަދަ ހުއްދައެއް ދީފައި ނުވާއިރު، މަޖިލީހުގެ އިދާރާ ސަރަހައްދަކީ އެއްވުން ބޭއްވުމަށް ކަނޑައެޅިފައިވާ ތަނެއް ނޫންކަމަށާއި، އެއީ އެއްވުން މަނާ ސަރަހައްދެއް ކަމަށާއި، އަދި ސްކޫލްތައް ހިމެނޭ ސަރަހައްދެއް ކަމަށްވާތީ، މި މުޒާހަރާއަކީ ގާނޫނާ ޚިލާފު އެއްވުމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ގާނޫނާ ޚިލާފު އެއްވުން ހުއްޓުވުމަށާއި، އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އޮޕަރޭޝަންގައި ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓާފައިވާކަމަށާއި، އެއްވުން ކޮންޓްރޯލް ކުރުމަށް އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަން ފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަމަށް ފުލުހުން ބުނެއެވެ. މުޒާހަރާ ކޮންޓްރޯލްކުރުމުގައި ކޮންމެހެން އެހެން ގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއް ފިޔަވައި، ފުލުހުން އިސްކަން ދީފައިވަނީ މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހާލަތު ގޯސްވިޔަނުދިނުމަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މުޒާހަރާ ރޫޅާލުމުގައި މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރަން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސިކަމަށް ފުލުހުން ބުނެއެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައި ކުރިން ދެންނެވި ބާވަތުގެ ބާރެއް ބޭނުންކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހިމެނޭގޮތުން، އެންމެހައި އަސާސީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
މި މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ. މި ރިވިއުގެ ނަތީޖާއިން ފުލުހުން އަމަލުކުރަންޖެހޭ އުސޫލަކާ ޚިލާފު އަމަލެއް ނުވަތަ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ