އިންޑިއާއިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިތުރު މުއްދަތަކަށް ފަސްކޮށްފި

އިންޑިއާއިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިތުރު މުއްދަތަކަށް ފަސްކޮށްފި

Author
އަހުމަދު
18 ސެޕްޓެމްބަރ 2025 03:19
0

ރާއްޖޭގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ ފައިސާ އަލުން ރޯލްއޯވާކޮށް، ދެއްކުން ފަސްކޮށްފިއެވެ. މިކަން ރަސްމީކޮށް ހާމަކޮށްދީފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނަކުންނެވެ.

މި ޓްރެޝަރީ ބޮންޑަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ބޮންޑެކެވެ. އެ އެއްބަސްވުމުގެ ދަށުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު، ފަހަރަކު 50 މިލިއަން ޑޮލަރުގެ ރޭޓުން ގަނެފައިވެއެވެ.

ކުރީގެ ސަރުކާރުގައި މި ބޮންޑުތައް ރޯލްއޯވާކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހު ސަރުކާރުން 50 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކާފައިވެއެވެ.

މިއީ އިންޑިއާ ސަރުކާރުން މި ބޮންޑުތަކަށް ދެއްކުން ފަސްކޮށްދިން ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު ދައްކަންޖެހުނު 50 މިލިއަން ޑޮލަރު ރޯލްއޯވާކޮށްދިން އިތުރުން، ސެޕްޓެމްބަރު 19 ގައި ދައްކަންޖެހުނު 50 މިލިއަން ޑޮލަރު ވެސް ރޯލްއޯވާކޮށްދީފައިވެއެވެ. މިއަދު ފަސްކޮށްފައިވަނީ ވެސް އެފަދަ 50 މިލިއަން ޑޮލަރުގެ ބޮންޑެކެވެ.

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިކަމާ ގުޅިގެން އިންޑިއާގެ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއި އެ ގައުމުގެ އިސް ވަފުދަކާ ބައްދަލުކޮށް، ދެ ގައުމުގެ އިގްތިސާދީ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުމުގައި 50 މިލިއަން ޑޮލަރުގެ ބޮންޑް ރޯލްއޯވާކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ނިންމުމަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދަމަހައްޓާ އިތުބާރާއި ދެމެހެއްޓެނިވި އެހީތެރިކަން ދައްކުވައިދޭ ކަމެކެވެ.

ބައްދަލުވުމުގައި އިންޑިއާގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، އެ މަޝްރޫޢުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު ވެސް މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އޮތް ފުރުޞަތުތަކާ މެދު ވެސް ވާހަކަދެކެވި، އިޤްތިޞާދީ އެއްބާރުލުން ފުޅާކުރުމަށް ދެ ފަރާތުން ވެސް ޝައުގުވެރިކަން ފާޅުކުރި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.