ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި މޯލްޑިވްސް ނޭޝަނަލް ސާރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ތަމްރީނު ޕްރޮގްރާމް މިއަދު ރަސްމީކޮށް ފެށިއްޖެއެވެ. މި ޕްރޮގްރާމަށް ހޮވިފައިވާ 340 ޒުވާނުން ޅ.މާފިލާފުއްޓަށް މިއަދު ފުރައިގެން ގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ތިން މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލި ނަމަވެސް، އެންމެ ޤާބިލު 340 ޒުވާނުން ހޮވިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. މި ޒުވާނުން ހޮވުމަށް ޖުލައި މަހު ރާއްޖޭގެ 11 ސަރަޙައްދެއްގައި ބޭއްވި ޓެސްޓްތަކުގައި އިންޓަރވިއު، މެޑިކަލް ޗެކަޕް، އެޕްޓިޓިއުޑް ޓެސްޓާއި ފިޓްނަސް ޓެސްޓް ހިމެނިފައިވެއެވެ.
16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވިފައިވާ މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ޒިންމާދާރު ޒުވާނުން ބިނާކުރުމަށް ސަރުކާރުން ފަށާ އައު އިނިޝިއޭޓިވެއްކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ކުރިމަގަށް ޒިންމާދާރު، އަޚްލާޤް ރަނގަޅު، އިސްލާމްދީނަށް ލޯބިކުރާ ޖީލެއް ތައްޔާރުކުރުމެވެ. އަދި ޤައުމަށް ކުރިމަތިވާ ކާރިސާތަކާއި ނުރައްކާތަކުގައި ޚިދުމަތްކުރުމަށް ތައްޔާރު، އެއްބައެއްވަންތަކަމާއެކު މަސައްކަތްކުރުމުގެ ރޫޙު އަށަގެންފައިވާ ޒުވާނުން ބިނާކުރުމެވެ.
ރައީސް މުޢިއްޒު ވަނީ މި ޕްރޮގްރާމްގެ މުދައްރިބުންނަށް ޚާއްޞަ އިރުޝާދު ދެއްވާފައެވެ. ރާއްޖޭގައި މުޅިން އަލަށް ފަށާ މި ޕްރޮގްރާމްގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށް، ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާ ފެންވަރުގެ ހަރުދަނާ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
މި ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ދިރިއުޅުމުގައި ބޭނުންވާ އެކިއެކި ހުނަރުތައް ދަސްކޮށްދިނުމާއެކު، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ