މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވެއެވެ. މި ޚިދުމަތް އަލުން ފެށޭނެ ތާރީޚެއް އަދި އިމިގްރޭޝަނުން އިޢުލާން ކޮށްފައެއް ނުވެއެވެ.
މި ޚިދުމަތް މެދުކަނޑާލުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ މަޢާފަށް އެދި، ކަސްޓަމަރުންގެ ސަބުރުވެރިކަމަށް އެދިފައެވެ.
2017 ވަނަ އަހަރު ތަޢާރަފުކުރި ޕާސްޕޯޓް ކާޑަކީ، ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާ ގުޅިގެން އިމިގްރޭޝަނުން ފޯރުކޮށްދޭ ޚާއްޞަ ޚިދުމަތެކެވެ. މި ކާޑު ބޭނުންކޮށްގެން ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުފަތުރު ކުރުމުގެ އިތުރުން، އޭޓީއެމް މެޝިންތަކުން ފައިސާ ނެގުމާއި، ޕީއޯއެސް މެޝިންތައް މެދުވެރިކޮށް މުޢާމަލާތްތައް ކުރުމާއި، އޮންލައިން ޝޮޕިންގ ކުރުމުގެ ފަސޭހަތައް ލިބިގެންވެއެވެ. ހަމައެއާއެކު، އިންޝުއަރެންސްގެ ޚިދުމަތްތައް ހޯދުމުގައި ވެސް މި ކާޑު ބޭނުންކުރެވޭ ގޮތަށް ހަމަޖެހިފައިވެއެވެ.
ކުރިން ޕާސްޕޯޓް ކާޑު ޑްރައިވިންގ ލައިސަންސް ކާޑެއްގެ ގޮތުގައި ވެސް ބޭނުންކުރެވުނު ނަމަވެސް، މިހާރު ޑްރައިވިންގ ލައިސަންސްގެ މަޢުލޫމާތު ބެލުމަށް މި ކާޑު ބޭނުންކުރެވޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ