ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ތަސްދީގު ނުކުރެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސް ކުރައްވައިފިއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލް މަޖިލިހުން ފާސްކުރިއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފާހަގަކުރެވެއެވެ. ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކުގެ އިތުރުން، މަޖިލީސް ތަޅުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫ ހުށަހެޅުއްވި ހަތަރު އިސްލާހާއެކު މި ބިލް ފާސްވެފައި ވަނީއެވެ.
"އެކްސް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މި ބިލަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއެކު ބަސް ބުނުމުގެ ހައްޤު ނިގުޅައިގަތުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ޒުވާނުން ސޯޝަލް މީޑިއާ ބޭނުން ކުރުން ހުއްޓުވައި، ސަރުކާރުގެ ވެރިންގެ ވައްކަންތައް ފޮރުވުމަށް މަޖިލިސް މެދުވެރިކޮށް ކުރާ ޖަރީމާއެކެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ޢައިރު ގާނޫނީ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް މުއިއްޒުއަށް އިލްތިމާސްކުރަން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ގޮވާލައްވާފައި ވަނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ ހިމާޔަތްކުރުމަށް އެންމެހާ ރައްޔިތުން ސާބިތުކަންމަތީ އިހުތިޖާޖު ކުރުމަށެވެ.
މި ބިލް ފާސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ހަމައެކަނި އެމްޑީޕީގެ ރައީސް ޝާހިދު އެކަންޏެއް ނޫނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި، ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.
މީޑިއާ ރެގިއުލޭޝަން ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ބިލެއް ކަމަށް ސިޔާސީ ލީޑަރުންނާއި މަދަނީ ޖަމްއިއްޔާތަކުން ފާހަގަކުރަމުން އަންނަ ކަމެކެވެ.
ކޮމެންޓު ފޮނުވާ