މީޑިއާގެ މިހާރުގެ ރެގިއުލޭޓަރީ މުއައްސަސާތަކަށް ނޫސްވެރިން އިތުބާރު ނުކުރޭ: އަސްވާޑު

މީޑިއާގެ މިހާރުގެ ރެގިއުލޭޓަރީ މުއައްސަސާތަކަށް ނޫސްވެރިން އިތުބާރު ނުކުރޭ: އަސްވާޑު

Author
ހުސައިން
17 ސެޕްޓެމްބަރ 2025 09:35
0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަކީ މީޑިއާތަކުގެ އިތުބާރު ހޯދުމުގައި ފެއިލްވެފައިވާ މުއައްސަސާތަކެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓީވީ ޗެނަލްތަކުގެ ވެރިންނާ ސުވާލުކޮށްފިނަމަ ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުބާރު ނުކުރާކަމަށް ބުނާނެ ކަމަށެވެ. އަދި އޮންލައިން މީޑިއާތަކުގެ ފަރާތުން ވެސް މީޑިއާ ކައުންސިލަށް އިތުބާރު ނެތްކަމަށާއި، އެ މުއައްސަސާގައި ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުންނާއި މައްސަލަތައް ބެލުމުގައި ނާކާމިޔާބުވާކަމަށް ޝަކުވާ އުފުލާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޓީވީ ޗެނަލެއްގެ ވެރިއަކު ކައިރި ގޮސް ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުބާރު ކުރޭތޯ އަހާލާށެވެ. އިތުބާރު ނުކުރާކަމަށް ވިދާޅުވާނެ އެވެ. ބްރޯޑްކާސްޓަރުންގެ ފަރާތުން ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުބާރެއް ނުކުރެ އެވެ. އޮންލައިން މީޑިއާ ކުރާ ފަރާތަކާ ސުވާލުކޮށްލައްވާ މީޑިއާ ކައުންސިލަށް އިތުބާރު ކުރޭތޯ. އެތާނގައި ހަރުދަނާ ނިޒާމެއް ނެތްކަމަށާއި މައްސަލަތައް ނުބެލޭކަމަށް ބުނާނެ،" މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވި އެވެ.

ފާސްކުރެވުނު އާ ބިލްގައި ވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، އެއް މުސްތަގިއްލު ކޮމިޝަނެއް އުފެއްދުމަށް ހަމަޖައްސާފަ އެވެ. މި އާ ކޮމިޝަނުގައި މީޑިއާތަކުގެ ފަރާތުން އިންތިޚާބުކުރާ ހަތަރު މެންބަރުންނާއި، އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން މެންބަރުން ހިމެނޭނެކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ. މި ބަދަލުތަކުގެ ސަބަބުން މީޑިއާ ދާއިރާގެ ރެގިއުލޭޝަން ހަރުދަނާވެ، މުއައްސަސާތަކުގެ އިތުބާރު އިތުރުވާނެކަމަށް އުންމީދުކުރެވޭކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.