އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސަރަހައްދުގައި ކުރިއަށް ގެންދާ އަމަލުތަކަކީ ފަލަސްތީނު މީހުން ނައްތާލުމަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އދ.ގެ މިނިވަން ތަހުގީގު ކޮމިޝަނަކުން ވަނީ ބުނެފައެވެ. މި އަމަލުތަކަށް އެންމެ ބޮޑަށް ހިތްވަރު ދެމުންދަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ އިސް ވެރިން ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ޔޫއެން އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީގެ ރައީސް ނަވާ ޕިއްލޭ ވިދާޅުވެފައިވަނީ ޣައްޒާގައި ހިންގަމުންދާ އަމަލުތަކަކީ ކަނޑައެޅިގެން ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އިޒްރޭލު ސަރުކާރުން ކަމަށެވެ.
އދ.ގެ މެންޑޭޓެއް ލިބިފައިވާ ރަސްމީ ޖަމާއަތަކުން ޣައްޒާގައި ހިންގަމުންދަނީ ޖެނޮސައިޑް ކަމަށް ބުނީ މިއީ ފުރަތަމަ ފަހަރު ކަމުގައިވާއިރު، އިޒްރޭލު ސަރުކާރުން ވަނީ މި ރިޕޯޓް ޝާއިއުވިތާ ގިނައިރުތަކެއް ނުވަނީސް އެއަށް ކަޑައެޅި ރައްދެއް ދީ، އެ ތުހުމަތުތައް ދޮގު ކަމަށް ބުނެފައެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ފަށައިގެން މިހާރު ދެ އަހަރާ ގާތްވެފައިވާއިރު، މި މުއްދަތުގައި ޖެނޮސައިޑްގެ ތުހުމަތުތައް އިޒްރޭލުގެ މައްޗަށް ކުރަމުން އައިސްފައިވީނަމަވެސް، އދ.ގެ ރަސްމީ ޖަމާއަތަކުން މިފަދަ ބަޔާނެއް ނެރެފައިވާ މިއީ ފުރަތަމަ ފަހަރެވެ.
އެހެންނަމަވެސް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަންގެ ރައީސް ވޮލްކާ ޓާކް ވިދާޅުވެފައިވަނީ، ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގިކަން ގާނޫނީ ގޮތުން ކަނޑައަޅާނީ ޝަރުއީ ކޯޓަކުން ކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި އިޒްރޭލުގެ އަނިޔާވެރި އަމަލުތަކުގެ ހެކިތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމީ ހަގީގަތެކެވެ.
އިޒްރޭލު ސަރުކާރުން މި ރިޕޯޓަށް ދީފައިވާ ރައްދުގައި ބުނެފައިވަނީ، މި ރިޕޯޓަކީ އެކަށީގެންނުވާ، ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ލިޔުމެއް ކަމަށާއި، އެއާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.
ޣައްޒާގައި އިޒްރޭލުން ދެމުންގެންދާ ހަމަލާތަކަށް ދެ އަހަރު ފުރުމާ ގާތްވެފައިވާއިރު، މި މުއްދަތުގައި ޝަހީދުވި މީހުންގެ އަދަދު 65،000 އަށް ވުރެ އިތުރަށް އަރައިފައިވާކަމަށް ފަލަސްތީނުގެ ޞިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މީހުން ޒަޚަމްވެ، އެތައް ހާސް ބަޔަކު ބިމުގެ ދަށުގައި ފޮރުވިފައިވާ ކަމަށް ވެސް ގަބޫލުކުރެވެއެވެ.
ކޮމެންޓު ފޮނުވާ