ރާއްޖެ އައިއޭއީއޭގެ މެންބަރަކަށް ވުމުގެ ފުރަތަމަ ފިޔަވަހި ފުރިހަމަވެއްޖެ

ރާއްޖެ އައިއޭއީއޭގެ މެންބަރަކަށް ވުމުގެ ފުރަތަމަ ފިޔަވަހި ފުރިހަމަވެއްޖެ

Author
ހުސައިން
15 ސެޕްޓެމްބަރ 2025 10:35
0

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ފުރިހަމަ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ހުށަހެޅި ހުށަހެޅުން، އެ ޖަމިއްޔާގެ ޖެނެރަލް ކޮންފަރެންސުން މިއަދު ބަލައިގަތްކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިމަހުގެ 15 އިން 19 އަށް ބޭއްވި އައިއޭއީއޭގެ 69 ވަނަ އާންމު ޖެނެރަލް ކޮންފަރެންސުގައި، މެންބަރު ގައުމުތަކުގެ އަގުލަބިއްޔަތުން ރާއްޖޭގެ އެދުން ގަބޫލުކުރުމަށް ވޯޓުދީފައިވެއެވެ. އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ މަތީ ފަންތީގެ ބައްދަލުވުމަކީ ޖެނެރަލް ކޮންފަރެންސް ކަމުން، މިއީ ރާއްޖެއަށް ލިބުނު މުހިންމު ކާމިޔާބެކެވެ.

ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި ވަފުދަށް އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އޭނާގެ އިސްނެންގެވުމާއެކު ރާއްޖޭގެ ވަފުދު މި މުހިންމު ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މިއީ އައިއޭއީއޭގެ ފުރިހަމަ މެންބަރުކަން ހާސިލުކުރުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ މަރުހަލާއެވެ. މި ޖަމިއްޔާއާ ގުޅުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި ސިއްހީ ޚިދުމަތްތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާތަކުން ފަންނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ހިމެނެއެވެ.

1957 ވަނަ އަހަރު އުފެދުނު އައިއޭއީއޭއަކީ، ނިއުކްލިއާ ހަކަތަ އަސްކަރީ ބޭނުންތަކަށް ނުހިފޭނެ ގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި ރާއްޖެ ބައިވެރިވުމުން، ނިއުކްލިއާ ސައިންސާއި ޓެކްނޮލޮޖީގެ ސުލްހަވެރި ބޭނުންތަކުގެ ފައިދާ ރާއްޖެއަށް ކުރާނެކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.