ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ތެރޭގައި ރިޔާސީ ދައުރު އިތުރު މުއްދަތަކަށް ދިގުކުރުމުގެ ވިސްނުން ފޮރުވިފައިވާ ކަމަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު ޖަލްސާއެއްގައި މި ބިލު ފާސްކުރުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ މި ބިލުގެ ހަގީގީ މަގުސަދަކީ ރައްޔިތުންގެ ބާރު ހަނިކޮށް، ސަރުކާރުގެ ކޮންޓްރޯލް ބޮޑުކުރުން ކަމަށް ފާހަގަކޮށްފައެވެ.
ޤާނޫނުއަސާސީގައި މިހާރުވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާއިރު، އާ ޤާނޫނެއް ހެދުމުގެ ބޭނުމަކީ މުޅި ނިޒާމު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން ކަމަށް އެމްޑީޕީން ވިދާޅުވެއެވެ.
އެ ޕާޓީގެ ބަޔާނުގައި ވިދާޅުވީ "ރައްޔިތުންގެ ނަމުގައި ސަރުކާރުން ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް މި ބިލު ބޭނުންކުރެވިދާނެ" ކަމަށެވެ. ޚާއްސަގޮތެއްގައި ރިޔާސީ ދައުރު ދިގުކުރުމުގެ އެޖެންޑާއެއް މީގެ ފަސްފަރާތުގައި އޮތްކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކުރިއެވެ.
ބިލުގައި ކަނޑައަޅާފައިވާ މުއްދަތުތަކަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި ހޭލުންތެރިކުރުވުމަށް ފުދޭވަރެއްގެ ވަގުތު ނޫން ކަމަށް އެމްޑީޕީން ދެކެއެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ބޭނުންވާ ނަތީޖާތައް ހާސިލުކުރުމަށް އަވަސްއަރުވައިގެން ވޯޓު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެކަމުން މުޅި ޕްރޮސެސްގެ ހާމަކަމާއި އިތުބާރު ގެއްލިދާނެ ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އަމިއްލައަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ހުށަހެޅޭނަމަ، ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު ހޯދަންޖެހޭގޮތަށް ބިލުގައި އޮތުމަކީ މަޖިލީހުގެ ބާރުތައް ހަނިކުރުން ކަމަށްވެސް އެމްޑީޕީން ފާހަގަކުރެއެވެ. މިހާރު ޤާނޫނުއަސާސީގައި އޮތްގޮތުން މަޖިލީހަށް ލާޒިމުކުރާ ހާލަތުގައި ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން މިފަދަ ގަރާރެއް ފާސްކުރެވޭއިރު، އާ ބިލުން މި ހަރުދަނާ ކުރަންޖެހޭ ކަމަށް ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނަށް ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ފުޅާ ބާރުތަކެއް ދިނުމާމެދުވެސް އެމްޑީޕީން ކަންބޮޑުވުން ފާޅުކުރިއެވެ. ކޮމިޝަނުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތަކަށްވާތީ، މިއީ ނުސީދާގޮތުން މުޅި ޕްރޮސެސްއަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ މަގު ތަނަވަސްކޮށްދޭ ކަމެއް ކަމަށް އެ ޕާޓީން ދެކެއެވެ.
މި ބިލު ޤާނޫނަކަށް ވެއްޖެނަމަ ރައްޔިތުންގެ ޑިމޮކްރެޓިކް ބާރުތައް ކުޑަވެ، ސަރުކާރުގެ ކޮންޓްރޯލް ބޮޑުވެގެންދާނެ ކަމަށް އެމްޑީޕީން އިންޒާރުދީ، މިއީ ޑިމޮކްރަސީއަށް ނުރައްކާތެރި ހަމަލާއެއް ކަމަށް އެޕާޓީން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ