ސަރުކާރުން ބޭސް އެތެރެކުރުމަށް އުފައްދައިފައިވާ އައު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހް މާހިރު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފައިވާ ކަމަށެވެ. ޑރ. ޝާހްގެ އިތުރުން ބޯޑަށް އައްޔަންކުރައްވައިފައިވަނީ މ. ކުރެއްދޫގެ، އާއިޝަތު މުހައްމަދު އާއި ފްލެޓް ނަންބަރު 10-3-1، ޝިބާނާ ޢަބްދުﷲ ދީދީއެވެ.
ޑރ. ޝާހް މާހިރު އަކީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރެވުނު ބޭފުޅެކެވެ.
މި ކުންފުނި އުފެއްދުމުގެ ވާހަކަ ފުރަތަމަ ހާމަކުރެއްވީ މިދިޔަ ޖޫން މަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އޭރު މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް އެތެރެކުރުމަށް ޚާއްޞަ ކުންފުންޏެއް ހެދުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. މި ކުންފުނި ރަސްމީކޮށް އުފެއްދިކަން ރައީސް އޮފީހުން އިއުލާންކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.
ރައީސް އޮފީހުގެ މަޢުލޫމާތު ދައްކާގޮތުން މި ކުންފުންޏަކީ ޑޮކްޓަރީ ބޭސް، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ދިވެހިރާއްޖެއަށް އެތެރެކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރާނެ ކުންފުންޏެކެވެ. މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ސަރުކާރު ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވައިފައިވެއެވެ.
ކޮމެންޓު ފޮނުވާ