ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރުމަށް ނަޝީދު ތާއީދު

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރުމަށް ނަޝީދު ތާއީދު

Author
ޙަސަން މުޙައްމަދު
13 ސެޕްޓެމްބަރ 2025 10:05
0

ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދޭ އިނާޔަތްތައް ކުޑަކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި، ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދެމުންދާ އިނާޔަތްތައް މަދުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މި އިނާޔަތްތައް އުނިކުރުމަށް ޓަކައި ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ވާހަކަދެއްކެވީ ނަޝީދުއެވެ. އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ބައިތެއްގައި ވިދާޅުވީ "ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން ތިބޭ ނަމައީ ފިކުރުކޮށްގެން، މިބޭޒާރު ނުވެސް ވާނޭ" މިހެންނެވެ. މިއީ ސަރުކާރުގެ ނިންމުމަށް ނަޝީދު ތާއީދުކުރައްވާ ކަމުގެ ސާފު އިޝާރާތެކެވެ.

މިވަގުތު ރާއްޖޭގައި ކުރީގެ ރައީސުންގެ ގޮތުގައި ތިއްބެވީ މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް، އަބްދުﷲ ޔާމީން އާއި އިބްރާހީމް މުހައްމަދު ސޯލިހްއެވެ. މި ފަސް ބޭފުޅުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުކަމަށް ބުނެ، އާންމުންގެ ތެރެއިން ގިނަ ބަޔަކު ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ތާއީދުކުރަމުން ދާއިރު، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑައަޅާފައިވާ ގާނޫނަށް އަވަހަށް އިސްލާހު ގެންނަންޖެހޭ ކަމަށް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.