މާފުށީ ކައުންސިލް ކުންފުނިން ތައްޔާރުކުރި ސޭންޑް ބާޖު ޚިދުމަތަށް ހުޅުވާލައިފި

މާފުށީ ކައުންސިލް ކުންފުނިން ތައްޔާރުކުރި ސޭންޑް ބާޖު ޚިދުމަތަށް ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
13 ސެޕްޓެމްބަރ 2025 09:59
0

ކ. މާފުށީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނި ލިމިޓެޑުން ތައްޔާރުކޮށްފައިވާ ސޭންޑް ބާޖު މިއަދު ރަސްމީކޮށް ޚިދުމަތަށް ހުޅުވާލައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، މި ބާޖު އިފްތިތާޙުކޮށްދެއްވީ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.

މި ރަސްމިއްޔާތުގައި ވުޒާރާގެ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު، އަދި މާފުށީ ކައުންސިލުގެ ވެރިންވެސް ބައިވެރިވެވަޑައިގަތެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ޢުމަރު ފާހަގަކުރެއްވި ގޮތުގައި، މި ސޭންޑް ބާޖަކީ މާފުށީ ރައްޔިތުންގެ ބުރަ މަސައްކަތުން ރަށަށް ލިބުނު ކުރިއެރުމެކެވެ.

"މި މަޝްރޫޢުގެ އެންމެ ބޮޑު ޝަރަފު ލިބިގެންވަނީ މާފުށީގެ ރައްޔިތުންނަށެވެ. ރައްޔިތުންގެ މަސައްކަތާއި ހިތްވަރުގެ ސަބަބުން މިފަދަ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކުރެވެމުން އަންނަނީ،" ވަޒީރު ވިދާޅުވިއެވެ. އަދި މާފުށީގެ ތަރައްޤީއަށް ރައްޔިތުންނާއި ކައުންސިލުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ވަނީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައެވެ.

މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާޙު ވިދާޅުވި ގޮތުގައި، މި ސޭންޑް ބާޖު ބޭނުންކޮށްގެން މާފުށީގެ ގޮނޑުދޮށްތައް ވަރަށް ރީތިކޮށް ތަރައްޤީކުރެވޭނެއެވެ. "އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ރާއްޖޭގެ އެންމެ ރީތި ގޮނޑުދޮށްތަކެއް މާފުށީގައި ޤާއިމުކުރުމެވެ. ކުންފުނި އުފެއްދިތާ ދެ އަހަރު ވެފައިވާއިރު، އަޅުގަނޑުމެން އެންމެ އިސްކަންދިން ކަމަކީ ރައްޔިތުންނަށް މޫދަށް އެރެވޭނެ ފަސޭހަ މާޙައުލެއް ޤާއިމުކުރުމެވެ،" ސޮލާޙު ވިދާޅުވިއެވެ.

މި ސޭންޑް ބާޖު އޮޕަރޭޝަނަށް ގެނައުމުން މާފުށީގައި ކުރިމަތިވެފައިވާ ހޭޅިފަށް ގިރުމުގެ ދަތި މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ސަރުކާރުން ބެލެވެއެވެ. މީގެ އިތުރުން ރަށުގެ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކުގައި މި ބާޖު ބޭނުންކުރެވޭނެކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ބުނި ގޮތުގައި، މާފުށީގެ ތަރައްޤީއަށް ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަތަކެއް ގެނެސްދިނުމާއެކު، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ މަސައްކަތްތަކެވެ. މި ސޭންޑް ބާޖަކީ މާފުށީގެ ދިގު މުއްދަތުގެ ތަރައްޤީގެ ޕްލޭންގެ މުހިންމު ބައެއްކަމުގައި ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.