ކަސްޓަމްސް ބޮންޑުން ވަގަށް ނެރުނު ސިނގިރޭޓާއި ޕައިޕް ޓޮބޭކޯގެ އިމްޕޯޓް ޑިއުޓީ ފައިސާގެ ގޮތުގައި 20.7 މިލިއަން ރުފިޔާ، 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
2018 ވަނަ އަހަރު އެސްޖީއެމް ކުންފުނިން ރާއްޖެ އެތެރެކޮށް ކަސްޓަމްސް ބޮންޑުގައި ބެހެއްޓި މުދާ، ޑިއުޓީ ނުދައްކައި ސިއްރުން ބޮންޑުން ނެރުމާ ގުޅިގެން ކަސްޓަމްސްއިން މި އަހަރު ކޯޓަށް ހުށަހެޅި މައްސަލައެއްގައި ކުރި ހުކުމެކެވެ. ކުންފުނީގެ ޣައިރު ހާޒިރުގައި ކުރި މި ހުކުމުގައި، ބުރާސްފަތި ދުވަހުން ފެށިގެން ދެ ހަފްތާގެ ތެރޭގައި މި ފައިސާ ދައުލަތަށް ދެއްކުމަށް އަންގާފައިވެއެވެ.
ސިވިލް ކޯޓުން ދޫކޮށްފައިވާ ހުކުމުގައި ބުނާ ގޮތުން، 2018 ވަނަ އަހަރުގެ އެޕްރީލް 27 އާއި ޖޫން 4 ގައި އެސްޖީއެމްގެ ނަމުގައި ރާއްޖެ އެތެރެކޮށް ބޮންޑުކުރި 430 ކޭހުގެ އެމެރިކަން ލެޖެންޑް ސިނގިރޭޓާއި 250 ކޭހުގެ އަފްޒަލް މޮލަސެސް ޕައިޕް ޓޮބޭކޯގެ ތެރެއިން ބޮންޑުން ވަގަށް ނެރެފައިވަނީ 250 ކޭހުގެ ސިނގިރޭޓާއި 130 ކޭހުގެ ޕައިޕް ޓޮބޭކޯކަމަށް ވެއެވެ.
ކަސްޓަމްސްގެ ހުއްދަ ނުހޯދައި، ޑިއުޓީ ނުދައްކައި މި މުދާ ބޮންޑުން ނެރުމަކީ ކަސްޓަމްސް ގާނޫނުގެ 77 ވަނަ މާއްދާއާއި ކަސްޓަމްސް އާންމު ގަވާއިދުގެ 264 ވަނަ މާއްދާގެ (ހ) އާއި 270 ވަނަ މާއްދާގެ (ށ) އާ ޚިލާފު ޢަމަލެއްކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ފެންނަ ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެންބަރު 29 ގައި މި ޑިއުޓީ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގި ސިޓީއެއް އެސްޖީއެމްއަށް ފޮނުވާފައިވެއެވެ. އެ ކުންފުނިން ފައިސާ ނުދެއްކުމުން، ފެބްރުއަރީ 4 ގައި ދެވަނަ ފަހަރަށް ސިޓީއެއް ފޮނުވައި، 5 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަލުން އިންޒާރު ދީފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ ފައިސާ ދައްކާފައި ނުވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަށް ލިޔެކިޔުންތައް ފޮނުވުމަށް މަސައްކަތް ކުރިނަމަވެސް، ކޯޓަށް ލިބިފައިވާ އެޑްރެހުން އެސްޖީއެމްއަށް ލިޔެކިޔުންތައް ރައްދުކުރެވޭ ގޮތެއް ނުވުމުން، ކުންފުނީގެ ޣައިރު ހާޒިރުގައި މި ހުކުމް ކުރަން ޖެހުނުކަމަށް ކޯޓުން ބުނެއެވެ.
ކޮމެންޓު ފޮނުވާ