ކެރަންޑޫ 2025: ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަމާއެކު ޔަސިން އަހުމަދު ނާޝިދު ހޯދައިފި

ކެރަންޑޫ 2025: ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަމާއެކު ޔަސިން އަހުމަދު ނާޝިދު ހޯދައިފި

Author
ޙަސަން މުޙައްމަދު
13 ސެޕްޓެމްބަރ 2025 11:18
0

ލ. މާބައިދޫގައި ކުރިއަށްދާ ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް ކެރަންޑޫ 2025ގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ކާމިޔާބުކޮށްފިއެވެ. މާލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި ޔަސިން މި ކާމިޔާބީ ހޯދީ އިއްޔެ ބޭއްވުނު ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހަންނާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗުގައި ޔަސިން 10 ރާޅެއް ދުއްވާލައިގެން ޖުމްލަ 16.00 ޕޮއިންޓް ހާސިލުކުރިއެވެ. އޭނާގެ ފުރަތަމަ ރާޅަށް 6.00 ޕޮއިންޓް ލިބުނުއިރު، ހަތަރުވަނަ ރާޅުން ޔަސިން ހޯދީ ޕާފެކްޓް 10.00 ސްކޯއެކެވެ. މި ޕާފޯމަންސާއެކު ޔަސިން ވަނީ ފައިނަލުގައި ޚާއްސަ ހުނަރުވެރިކަމެއް ދައްކާފައެވެ.

އަނެއްކޮޅުން މުހައްމަދު އިނާން އަބްދުލް ހަންނާން 12 ރާޅެއް ދުއްވާލައިގެން އޭނާގެ އެންމެ މޮޅު ދެ ރާޅަށް ޖުމްލަ 12.93 ޕޮއިންޓް ހާސިލުކުރިއެވެ. އިނާންގެ ހަވަނަ ރާޅަށް 6.33 ޕޮއިންޓް ލިބުނުއިރު، އެންމެ ފަހުން ދުއްވާލި ރާޅަށް 6.60 ޕޮއިންޓް ހޯދިއެވެ.

ކެރަންޑޫ 2025ގެ ޖޫނިއާ ކެޓަގަރީގައި 18 ސާފަރުން ބައިވެރިވިއިރު، މެންސް އޯޕަން ކެޓަގަރީގައި 25 އެތުލީޓުން ވާދަކުރަމުން ދެއެވެ. މީގެ އިތުރުން ދިވެހި ސާފް ލީގުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑީބޯޑިން ކެޓަގަރީއެއް ވެސް ހިމަނާފައިވާއިރު، މި ކެޓަގަރީގައި 10 އެތުލީޓުން ހުނަރު ދައްކަމުންދެއެވެ.

މެންސް އޯޕަން އަދި ބޮޑީބޯޑިން ކެޓަގަރީތަކުގެ ފައިނަލް މެޗުތައް މިއަދު ކުރިއަށްދާނެ ކަމަށް އެމްއެސްއޭއިން ހާމަކޮށްފައިވެއެވެ. މި ދެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާނީ ކޮން ސާފަރުންނަށްތޯ ބަލާލުމަށް ސާފިން ޝައުގުވެރިން ވަނީ އިންތިޒާރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.