ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ދެއްވައިފިއެވެ.
ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖޭގެ މާލީ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާއެކު ޗައިނާއިން ރޭވުންތަކެއް ކުރިއަށް ގެންދާކަމަށެވެ. މި މަސައްކަތުގެ ކަރުދާސް މަސައްކަތްތައް މި މަހުގެ ނިޔަލަށް ފުރިހަމަކުރެވޭނެކަމަށް ސަފީރު އުންމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމުގައި އިތުރު މާލީ ބުރައެއް ދިވެހިރާއްޖެއަށް އުފުލަން ނުޖެހޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާނެކަމަށް ސަފީރު ވިދާޅުވިއެވެ. ލޯނުތައް އަދާކުރުމަށް ދިގު މުއްދަތެއްގައި ލުއި ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް ސަފީރު ވިދާޅުވެ، މާލީ ހާލަތު މެނޭޖްކުރުމުގައި ސަރުކާރަށް އިތުބާރުކުރުމަށް އެދިވަޑައިގަތެވެ.
ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ޑިޒައިން ބިޑިން މަރުޙަލާ މިހާރު ހުޅުވާލާފައިވާކަމަށް ސަފީރު މަޢުލޫމާތު ދެއްވިއެވެ. ހަމައެއާއެކު ވިލިމާލެއާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭނުންވާ ފަހުގެ ތައްޔާރީތައް ކުރިއަށްދާކަމާއި، 50 ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢަށް ބޭނުންވާ އޮން-ސައިޓް ފީސިބިލިޓީ ދިރާސާ ނިމިފައިވާކަން ސަފީރު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. ދަނޑުވެރިކަން، ބިނާވެރިކަން، މަސްވެރިކަން، އިޢާދަކުރަނިވި ހަކަތަ އަދި ތަޢުލީމީ ދާއިރާއިން ޖުމުލަ 11 ފަހުމުނާމާއެއްގައި ސޮއިކުރެވި، މި ދާއިރާތަކުގައި ރާއްޖެ ކުރިއެރުވުމަށް ޗައިނާއިން މުހިންމު ދައުރެއް އަދާކުރާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ