މެޑަމް ނަސްރީނާ އިންފެކްޝަނަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނީ

މެޑަމް ނަސްރީނާ އިންފެކްޝަނަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނީ

Author
ޙަސަން މުޙައްމަދު
11 ސެޕްޓެމްބަރ 2025 10:56
0

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އިންފެކްޝަނެއްގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް މައުމޫންގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

މައުމޫންގެ އޮފީހުން ދޫކުއާންމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނޫ، މެޑަމް ނަސްރީނާ ފާއިތުވި ހަފުތާގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވި ކަމަށާއި، އިންފެކްޝަނަށް ބޭނުންވާ ފަރުވާ ދެއްވަމުން ގެންދަވާ ކަމަށެވެ. އެކަމަނާގެ ސިއްހީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުން މެޑަމް ނަސްރީނާ އަށް ދެއްވަމުން ގެންދަވާ އޯގާތެރި ފަރުވާއާއި އަޅާލުމަށް އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް މައުމޫންގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އާއްމު ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުން މެޑަމް ނަސްރީނާ އަށް ފޮނުވަމުން ގެންދަވާ ހެޔޮ ދުއާތަކާއި މެސެޖުތަކުން އާއިލާއަށް ބޮޑު ހިތްވަރެއް ލިބެމުންދާ ކަމަށް ބުނެ، އެ ހުރިހާ ފަރާތްތަކަށްވެސް އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށް މައުމޫންގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.