ތިލަފުށީގައި ލޮރީއެއްގެ ދަށުވެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ތިލަފުށީގައި ލޮރީއެއްގެ ދަށުވެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

Author
ހުސައިން
11 ސެޕްޓެމްބަރ 2025 07:06
0

ކ. ތިލަފުށީގައި މިއަދު މެންދުރުފަހު މީހަކު ލޮރީއެއްގެ ދަށުވެ ހިނގި ހާދިސާއެއްގައި ސްރީލަންކާ ރައްޔިތަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި، މިވަގުތު އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ރިޕޯޓުކުރީ މިއަދު 14:15 ގައެވެ. ހާދިސާ ހިނގިއިރު އަނިޔާ ލިބުނު ސްރީލަންކާ ރައްޔިތަކީ އެކްސްކެވޭޓަރެއް ކައިރީގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ މަސައްކަތް ކުރަން ހުއްޓައި ލޮރީއަކުން ޖެހި ވެއްޓުމަށްފަހު، ލޮރީ އޭނާގެ ގައިމަތިން ދިޔަކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އަނިޔާ ލިބުނު މީހާގެ ހާލަތު ވަރަށް ނާޒުކުކަމަށް ބެލެވޭ ނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މިހާރު އޭނާއަށް އައިޖީއެމްއެޗުގައި ބޭނުންވާ ފަރުވާ ފޯރުކޮށްދެމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ލޮރީ ދުއްވި މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ލޮރީ ދުއްވީ އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީ އެވެ. ފުލުހުން ވަނީ ހާދިސާގައި ޝާމިލްވި ލޮރީ ވެސް ހިފަހައްޓާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މިކަހަލަ ހާދިސާތައް މަދުން ނަމަވެސް ހިނގަމުން އަންނަކަން ފާހަގަކުރެވެއެވެ. އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ސަލާމަތީ ފިޔަވަޅުތަކަށް އިތުރު ސަމާލުކަން ދޭންޖެހޭކަން މިފަދަ ހާދިސާތަކުން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.