މީޑިއާ ބިލު ދިރާސާކުރި ކޮމިޓީ ބައްދަލުވުމުން ނޫސްވެރިން ނެރުނީ ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުމުން: މަޖިލިސް

މީޑިއާ ބިލު ދިރާސާކުރި ކޮމިޓީ ބައްދަލުވުމުން ނޫސްވެރިން ނެރުނީ ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުމުން: މަޖިލިސް

Author
ހުސައިން
10 ސެޕްޓެމްބަރ 2025 11:01
0

މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލު ދިރާސާކުރަން މިއަދު ހެނދުނު 10 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ބޭއްވި ބައްދަލުވުމުން ނޫސްވެރިން ގަދަކަމުން ނެރެލައިފިއެވެ. މި ބައްދަލުވުމަށް ވަދެ އަޑުއަހަން އުޅުނު ނޫސްވެރިންނަށް މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން ފޮނުވައިގެން އެތަނުން ނުކުމެދިޔުމަށް އަންގައި، ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި، މި ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ބޭއްވުނު ސިއްރު ބައްދަލުވުމެއް ކަމަށާއި، މިފަދަ ބައްދަލުވުންތަކުގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އެހެން ފަރާތްތަކަކަށް ބައިވެރިނުވެވޭނެ ކަމަށް މަޖިލީހުގެ އިދާރާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ތިން ނޫސްވެރިން ކޮމިޓީ ކޮޓަރިއަށް ވަދެފައިވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށް އިންޓަރނަލް ސެކިއުރިޓީން އެންގުމަށްފަހުވެސް ގަދަކަމުން ކަމަށެވެ. އަދި އެ ތިން ނޫސްވެރިން ކޮމިޓީ ކޮޓަރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ، އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުމުން ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލަކީ މީޑިއާ ދާއިރާއާ ގުޅުންހުރި މުހިންމު ބިލަކަށްވާއިރު، އެ ބިލު ދިރާސާކުރާ ކޮމިޓީ ބައްދަލުވުމަށް ނޫސްވެރިންނަށް ހުއްދަ ނުދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވަމުން ގެންދަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.