ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުން ބަންޔަން ޓްރީ ވައްބިންފަރު ރިސޯޓުގެ ފަރުގައި ކަނޑުގެ ދިރާސާތައް ކުރުމުގެ ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒް އާދަމާއި ބަންޔަން ޓްރީ ވައްބިންފަރުގެ ޖެނެރަލް މެނޭޖަރު އެލިއަސް ޕާޓޮފްޓް މި ފަހުމުނާމާގައި ސޮއިކުރެއްވިއެވެ. މި ޕާޓްނަރޝިޕްގެ ދަށުން ބަންޔަން ޓްރީގެ ވަށައިގެންވާ ފަރު ބަދަލުވާނީ ޔުނިވާސިޓީގެ ދަރިވަރުންނާއި ރިސާޗަރުންނަށް ޚާއްސަ ދިރާސާ މަރުކަޒަކަށެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ދިރާސާތައް ކުރުމެވެ. ފަރުތަކުގެ ޞިއްޙަތު މޮނިޓަރ ކުރުމާއި، ފަރު ހުދުވުމުގެ މައްސަލަތަކަށް ޙައްލު ހޯދުމާއި، ކަނޑުގެ ބޮޑެތި ދިރުންތައް ފަދަ ކަނޑުމަހާއި ވެލާގެ އާބާދީ ދެނެގަތުމަށް ދިގު މުއްދަތުގެ ރިސާޗްތައް ކުރިއަށް ގެންދެވޭނެއެވެ.
ބަންޔަން ޓްރީ މެރިން ލެބް މެދުވެރިކޮށް އެމްއެންޔޫގެ ދަރިވަރުންނަށް ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓުންގެ އިރުޝާދުގެ ދަށުން އިންޓާންޝިޕް ފުރުސަތުތައް ލިބޭނެއެވެ. މީގެ އިތުރުން ސައިންޓިފިކް ޑައިވިންގ، އިކޮލޮޖިކަލް މޮނިޓަރިންގ އަދި ތިމާވެށި ރައްކާތެރިކުރުމުގެ ފަންނީ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މި ޕާޓްނަރޝިޕްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދަރިވަރުން ކުރާ ދިރާސާތަކުން ލިބޭ މަޢުލޫމާތު ސީދާ ރިސޯޓުގެ ތިމާވެށި ހިމާޔަތްކުރުމުގެ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ ކަމެވެ. މިއީ ނިޒަރީ އިލްމުގެ އިތުރުން ޢަމަލީ ގޮތުން ވެސް ފައިދާ ކުރާނެ ކަމެކެވެ.
އެމްއެންޔޫގެ ފަރާތުން ބުނެފައިވަނީ މި ފުރުސަތުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓެއްގައި ޢަމަލީ ތަޖުރިބާ ހޯދައި، މުސްތަގުބަލުގައި ގައުމުގެ ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ލިބޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރާނެ އާ ޖީލެއް ތައްޔާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ