ނޫސްވެރިން ނެރުމަށްފަހު، މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ ދެވަނަ ފަހަރަށް ސިއްރުކޮށްފި

ނޫސްވެރިން ނެރުމަށްފަހު، މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ ދެވަނަ ފަހަރަށް ސިއްރުކޮށްފި

Author
އަހުމަދު
10 ސެޕްޓެމްބަރ 2025 02:38
0

މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން މިއަދުވެސް ސިއްރުކޮށްފިއެވެ. މިއީ މި ބިލާ ގުޅިގެން ސިއްރުކުރި ދެވަނަ ކޮމިޓީ ބައްދަލުވުމެވެ.

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ޕީއެންސީ މެންބަރުންގެ ތާއީދާއެކު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކުރުން ކަމަށް ބުނެފައިވެއެވެ.

މިއަދުގެ ބައްދަލުވުން ސިއްރުކުރީ، ބިލަށް ހިޔާލު ހުށަހެޅި ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭތީ އާންމުކުރުމުން މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެގެން ކަމަށް ކޮމިޓީން ބުނެފައިވެއެވެ. އިއްޔެގެ ކޮމިޓީ ބައްދަލުވުން ވެސް ވަނީ މިފަދައިން ސިއްރުކޮށްފައެވެ.

ކޮމިޓީ ކަވަރުކުރަން ދިޔަ ނޫސްވެރިން ވަނީ، ބައްދަލުވުން ސިއްރުކުރަނީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކުން ބާރު ލިބިގެންތޯ ސުވާލުކޮށްފައެވެ. ނޫސްވެރިން ކޮމިޓީ ރޫމުން ނުކުތުމަށް އިންކާރުކުރުމުން، ގަދަކަމުން ނެރެފައިވާ މަންޒަރު ރެކޯޑުކުރެވުނު ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރެމުން ދެއެވެ.

މި ބިލު ދިރާސާކުރުމުގައި ކުރިން ބޭއްވި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އަދި ނޫސްވެރިންނާ ބައްދަލުކުރި ކޮމިޓީ ބައްދަލުވުންތައް ބޭއްވިފައިވަނީ ހުޅުވާލައިގެންނެވެ. އެ ބައްދަލުވުންތަކުގައި ދެ ކޮމިޝަނުން ވެސް ވަނީ މި ބިލާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.